ކުޅިވަރު

ބިލްބާއޯ ބަލިކުރުމުން އަންޗެލޮޓީގެ ތައުރީފު ޓީމަށް


ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ އެތުލެޓިކް ބިލްބާއޯ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީގެ ތައުރީފު ޓީމުގެ ކުޅުންތެރިންނަށް އޮއްސާލައިފިއެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ނަތީޖާއިން ރެއާލް މެޑްރިޑް ވަނީ ލީގުގެ ކުރީގައި އޮތް ބާސެލޯނާއާ ގާތަށް ޖެހިލާފައެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންޗެލޮޓީ ބުނެފައިވަނީ އޭނާގެ ޓީމުން ދެއްކި ހިތްވަރަށް ސާބަސްދޭ ކަމަށެވެ. ފުރަތަމަ ހާފުގައި ޓީމުގެ ފަރާތުން ލަސްކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ކާމިޔާބު ހޯދުމަށް މަސައްކަތްކުރިތަން ފެނިގެން ދިޔަކަމަށް އޭނާ ބުންޏެވެ. އަދި މެޗުގެ ތަރިއަކީ ވަލްވާޑޭކަން ފާހަގަކުރަމުން އޭނާ ބުނެފައިވަނީ މި މެޗުގެ ކާމިޔާބީގެ ފަހަތުގައިވަނީ އޭނާގެ ހިތްވަރުކަމަށެވެ.

"މެޗުގެ ތަރިއަކީ ވަލްވާޑޭ. އެނާގެ ފަރާތުން އެ ގޯލް ނުފެނުނުނަމަ އަހަރުމެން މޮޅެއްނުވީސް" އަންޗެލޮޓީ ބުންޏެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން އަންޗެލޮޓީ އިތުރަށް ބުނެފައިވަނީ މި މެޗަކީ ވަރަށް ފުރިހަމަ މެޗެއް ކަމަށެވެ. ސަބަބަކީ ޓީމުން ހިތްވަރުއެލުވާނުލައި ކުރި މަސައްކަތާއި، ޓީމުންގެ ދެއްކި ވަރުގަދަ ކުޅުމުގެ އިތުރުން ޓީމު އެކަތިގަނޑެއްގެ ގޮތުގައި ކުޅުނުތަން މެޗުން ފެނިފަވާތީ ކަމަށެވެ.

"އެއީ ވަރަށް ރަނގަޅު މެޗެއް. ޓީމުން ގޮތްދޫނުކޮށް، ވަރުގަދަ ކުޅުމެއް ދެއްކި. ޓީމުވެސް ފެނިގެންދިޔައީ ބައިބައިނުވެ، އެކަތިގަނޑެއްގެ ގޮތުގައި ކުޅުނުތަން" އަންޗެލޮޓީ ބުނެފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުމަށް ބަލާއިރު ރެއާލްގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިފަނުވާއިރު، ދެވަނަ ހާފާއެކު ޓީމުގެ ކުޅުން ވަރުގަދަކުރިއެވެ. މި މެޗުގައި ޖޫޑް ބެލިންހަމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެކަމާ ގުޅޭގޮތުން އަންޗެލޮޓީ ބުނީ ފުރަތަމަ ހާފުގައިވެސް މެޗުގެ ކޮންޓްރޯލް އޮތީ އޭނާގެ ޓީމުގެ އަތުގައި ކަމަށެވެ. އެހެން ނަމަވެސް ކަންދިމާކުރިގޮތުން ގޯލެއް ޖެހޭ ގޮތް ނުވީ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން އަންޗެލޮޓީ ވަނީ ބެލިންހަމަށްވެސް ތައުރީފުކޮށްފައެވެ. އަންޗެލޮޓީ ބުނެފައިވަނީ ފާއިތުވެ ދިޔަ އަހަރުވެސް ބެލިންހަމްގެ ސަބަބުން ޓީމަށް ވަރަށް ފައިދާކޮށްފައިވާ ކަމަށެވެ. މެޗުގެ ފުރަތަމަ ހާފުން އޭނާ ނުފެނުނުކަމަށްވިޔަސް ދެވަނަ ހާފާއެކު އޭނާ ވަނީ ދަނޑަށް އަރައި، ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

"ވަރަށް ގިނަ ހަމަލާ ބެލިންހަމް އުފެއްދި. އެހެންނަމަވެސް އިދިކޮޅުގެ ގޯލު ފޫއަޅުވާލެވޭގޮތް ނުވީ" އަންޗެލޮޓީ ބުންޏެވެ.

މީގެ އިތުރުން ވިނީޝިއުސް ޖޫނިއަރއަށް ތައުރީފުކުރަމުން އަންޗެލޮޓީ ބުނީ އޭނާއަކީވެސް ކާމިޔާބީގެ ހިއްސާދާރެއް ކަމަށެވެ. ސަސްޕެންޝަނުގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ކިލިއަން އެމްބާޕޭ ނެތުމުގެ ފަޅުކަން މިމެޗުގައި ފޫބެއްދީ އޭނާ ކަމަށް އަންޗެލޮޓީ ފާހަގަކުރިއެވެ.

"ވިނީޝިއުސްއަކީ ގޮތުގައި ހުންނަ ކުޅުންތެރިއެއް. ވަރުބަލިކަން ފެނުނުނަމަވެސް އޭނާ ވަނީ މެޗުގައި ވަރަށް ހިތްވަރުކޮށްފައި." ރެއާލްގެ ފޯވާޑަށް ތައުރީފުކުރަމުން އަންޗެލޮޓީ ބުންޏެވެ. އަދި ފާއިތުވެ ދިޔަ މެޗުތަކުން ވިނީޝިއުސްއަށް އެންމެ އެދެވޭ ކުޅުންދެއްކިފައި ނުވިއަސް، ކުރިއަށްހުރި މެޗުތަކުގައި އޭނާވެސް ފޯމަށް އެޅޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އަންޗެލޮޓީ ބުންޏެވެ.

އެތުލެޓިކް ބިލްބާއޯއާ ވާދަކުރި މެޗުން ރެއާލް މެޑްރިޑަށް ކުރިލިބިފައިވަނީ ވަލްވާޑޭގެ ލަނޑުންނެވެ. މި ލަނޑާއެކު އެޓީމު މިހާރު ވަނީ 69 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ހަތަރު ޕޮއިންޓުގެ ފަރަގަކާއެކު އެއްވަނައިގަ ބާސެލޯނާ އޮތްއިރު، އެ ޓީމަށް ލިބިފައިވަނީ 73 ޕޮއިންޓެވެ. މިދިޔަ އަހަރުގެ ޗެމްޕިއަނުން ކަމަށްވާ ރެއާލް މެޑްރިޑުގެ ފޯމު ފަހަކަށް އައިސް ގެއްލިފައިވާއިރު، މިހާތަނަށް ކުޅުނު 32 މެޗުގެ ތެރެއިން އެ ޓީމަށް ކާމިޔާބުކުރެވިފައިވަނީ 21 މެޗެވެ. އަދި 6 މެޗުން އެއްވަރުވެފައިވާއިރު، 5 މެޗުވަ ނީ އެ ޓީމަށް ގެއްލިފައެވެ.