ޚަބަރު

ބަންކަރިންގެ ޚިދުމަތް ނުހުއްޓޭ، މަސައްކަތްކުރަމުންދަނީ ޚިދުމަތް ފުޅާކުރުމަށް: ވަޒީރު ސަޢީދު


  • ބަންކަރިންގެ ޚިދުމަތަށް ޕޯޓެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައި

  • ޙިދުމަތް އިތުރަށް ފުޅާކުރުމަށް އިންޓަރނޭޝަނަލް ބަންކަރިންގއާއި ބެހޭ ޤާނޫނެއް އެކުލަވާލަނީ

ބަންކަރިންގެ ޚިދުމަތް ނުހުއްޓޭ ކަމަށާއި މި ޙިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އުތުރުގައި ތައްޤީކުރާ ޕޯޓުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެއެވެ. ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ.

ބަންކަރިންގެ ޚިދުމަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެކަމަށް ހާއްސަ ޕޯޓެއް އުތުރުގައި ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

"އުތުރުގައި އޮފް ޕޯޓު އޭރިއާއެއް މިހާރު ތަރައްޤީކުރެވިފައިމިވަނީ، ޕޯޓެއް ނެތި ފެށީވެސް މިކަން އަވަހަށް ފެށުމަށް، އުތުރުގައި ޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްދަނީ އެމަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާއި އެކު ކުރެވެމުން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ޙިދުމަތް ދެމުންދަނީ އެސްޓީއޯއިން ކަމަށާއި، މި ޙިދުމަތުން ލިބެމުންދާ އާމްދަނީގެ ތަފްސީލްތައް އެނގޭނީ އެކުންފުންޏަށް ކަމަށެވެ. އެހެންނަމަވެސް ރަނގަޅު އާމްދަނީއެއް ލިބެމުންދާކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ އިންޓަރނޭޝަނަލް ބަންކަރިންގއާއި ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރެވެމުންދާ ކަމަށާއި، ބަންކަރިންގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭންކުތައް މެދުވެރިކޮށް މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.

އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ދެނީ ބައިނަލްއަޤްވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ގެނައި 2 ބޯޓަކީ ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލޭ ބޯޓުތަކެކެވެ.