ޚަބަރު

ސިއްރުން އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި


  • 130،155 ސިނގިރޭޓް އަތުލައިގަނެފައިވޭ

  • ސިނގިރޭޓުތައް އަތުލައިގެންފައިވަނީ ގަން އިންޓަނޭޝަނަލް އެއަރޕޯޓުން

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ ސިނގިރޭޓުތައް އަތުލައިގެންފައިވަނީ ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ކަމަށެވެ. އެ ގޮތުން 130،155 ސިނގިރޭޓް އަތުލައިގަނެފައިވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. މިކަން ހިނގީ އިއްޔެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތެރޭންވެސް ހުއްދަ ނެތި ސިނގިރޭޓް އެތެރެކުރަން އުޅުނު ދެ މީހަކު މިދިޔަ މަހުވަނީ އަތުލައިގެންފައިވެއެވެ.

އަދި މީގެއިތުރުން ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ދެ ބޮންޑެޑް ވެއަރ ހައުސްއަކުން ގަވާއިދާ ޚިލާފަށް 575 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަޙްޤީގުކޮށް އެދެ ވެއަރހައުސްގެ ރަޖިސްޓްރީ މިދިޔަ ފެބްރުއަރީ މަހު ވަނީ ބާޠިލްކޮށްފައެވެ. އަދި މިމައްސަލައިގައި ހިމެނޭ މުދަލަށް ބޮންޑެޑްވެއަރހައުސް އިން ކަސްޓަމްސް އަށް ދައްކަންޖެހޭ ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި އެދެ މައްސަލަވެސްވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައެވެ.

ދުންފަތް ކޮންޓްރޯލްކުރުމަށް ވަރުގަދަ ފިޔަވަޅުތަކަކާއެކު "ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ޤަވާއިދު" ޞިއްޙީ ވުޒާރާއިންވަނީ މިދިޔަ ފެބުރުއަރީމަހު އާންމުކުރައްވާފައެވެ. މި ޤަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭނ،ީ ޞިއްޙީ ވުޒާރާއިން ދޫކުރާ ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސާއި ދުންފަތުގެ ބާވަތްތައް ރ-ީއެކްސްޕޯޓްކުރުމުގެ ލައިސަންސް ނުވަތަ ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށެވެ.