ޚަބަރު

އަސާސީ ބޭހުގެ 99 އިންސައްތަ އެސްޓީއޯއިން އެތެރެކޮށްފި: ޞިއްޙީ ވަޒީރު


  • އަސާސީ ބޭހުގެ ލިސްޓުގެ 480 އެއްހާ ބޭސް ހިމެނޭ

  • ބޭހުގެ މައްސަލަ ހައްލުކުރުމަށް އެސްޓީއޯ ބޭސް ސަޕްލައި ހަރުދާ ކުރުން

ރާއްޖޭގައި ބޭނުންވާ އަސާސީ ބޭހުގެ 99 އިންސައްތަ އެސްޓީއޯގެ ސަޕްލައި ނިޒާމުގެ ތެރެއިން އެތެރެކޮށްފައިވާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެވެ. ވަޒީރު މިހެން ވިދާޅުވީ ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގައި ބައެއް ބޭސްތައް ނުލިބުމުގެ ޝަކުވާއަކީ ރައްޔިތުންގެ އަބަދުގެވެސް ކަންބޮޑުވުމެކެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން މިމައްސަލަ ވަރަށް ބޮޑުވެގެން ދިޔަކަން ފާހަގަކުރެވެއެވެ. އެގޮތުން ބޭސް ފިހާރަތަކުން ބޭސް ނުލިބުމާއި ބޭސް އަގުބޮޑުވުން ފަދަ މައްސަލަވަނީ ކުރިމަތިވެފައެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ބޭސް ލިބުމުގައި ދިމާވާ ދަތިކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ. މިއާއެކު ބޭހުގެ މައްސަލަ ހައްލުވެގެންދާ މަންޒަރު ފެންނަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އާސަންދަ ރިފޯމްކުރުމުގެ މަސައްކަތަކީ މިސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ނާޡިމް ވިދާޅުވީ އާންމުން އެންމެ ގިނައިން ދައްކާ ވާހަކައަކީ ބައެއް ބޭސްތަކުގެ އަގުބޮޑު ވާހަކައާއި އޭގެ ޕްރޮފިޓް މާރޖިން އިންތިހާއަށް ބޮޑު ވާހަކަކަމަށެވެ. މިމައްސަލަ ހައްލުކުރުމަށް ކުރެވެމުން ދިޔަ މަސައްކަތުގެ ތެރޭގައި ބައެއް ބޭސްތަކަށް ކޮންޓްރޯލް އަގު ލެވިގެން ދިޔަކަމަށް ވަަޒީރު ވިދާޅުވިއެވެ. މިއީ މާކެޓުގައި ބޭސް މަދުވުމަށް ދިމާވި ސަބަބެއްކަމަށާއި އެހެންނަމަވެސް އެކަމަށްވެސް މަޝްވަރާކޮށް ހައްލު ހޯދާފައިވާކަމަށެވެ. އެގޮތުން އެންމެ މުހިންމު ހައްލަކީ އެސްޓީއޯގެ ސަޕްލައި އިތުރުކޮށް ހަރުދަނާކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަސާސީ ބޭހުގެ ގޮތުގައި ބޭނުންކުރާ 99 އިންސައްތަ ބޭސް އެސްޓީއޯ މެދުވެރިކޮށް އެތެރެކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު ކުރިއާއި ޚިލާފަށް އެސްޓީއޯގެ ބޭސް ބަލަހައްޓާ ޑިޕާޓްމަންޓުން ބޭސް ސަޕްލައި ކުރާ ފަރާތްތަކާއި ގުޅިގެން ލިސްޓުތައް ތަރުތީބުކޮށް ބަލަމުން ދަނީ އަޅުގަނޑުމެންނަށް ގެނެވޭ ބޭސްތައް. ރާއްޖޭގެ އެސެންޝިއަލް މެޑިސިން ލިސްޓުގައި 480 އެއްހާ ބޭސް އެބަ ހިމެނޭ. މިހާރު އަޅުގަނޑުމެން ކަށަވަރުކޮށްފިން އަދި މީގެ 99 އިންސައްތަ އެސްޓީއޯ ނިޒާމުގެ ތެރެއިން އެތެރެކޮށްފިން" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި އެޕްރޫވްޑް ކޮންޓްރޯލް ޑްރަގް ލިސްޓުގައި ހިމެނޭ ބައެއް ބޭސް މިހާރު ރާއްޖެ ގެނެވިފައިވާ ކަމަށާއި އަނެއްބައި ބޭސް ރާއްޖެ އައުމުގެ މަގުމަތީގައި އުޅޭކަމަށެވެ.

" ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި މިއުޅޭނީ ގާތް ގަނޑަކަށް 5000އެއްހާ ބޭސް އެބަ ހިމެނޭ. އެއީ އެއްބްރޭންޑްގެ ތަފާތުބޭސް ހިމެނޭގޮތަށް. އެކި ޑޯސް ބޭސް އެބަހިމެނޭ. ގާތްގަނޑަކަށް 1300 ބޭސް މިއުޅެނީ. މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެސްޓީއޯގެ ނިޒާމުގެ ތެރެއިިން އެކަނި 1200 ބޭސް ގެނައުމަށް. މިހާރު ގިނަ ބޭސް ހުރީ ރާއްޖޭގައި އަނެއްބައި ބޭސް އައުމުގެ މަގުމަތީގައި އުޅެނީ" ވަޒީރު ވިދާޅުވިއެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެސްޓީއޯ ބޭސް ސަޕްލައި ހަރުދާ ކުރުންކަމަށާއި އެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭގެ ތެރެއިން ބޭސް ރަޖިސްޓްރީ ކުރެވޭނެ ނިޒާމު ހަރުދަނާކުރުމާއި އެކަމަށް މުވައްޒަފުން ހަމަޖައްސަމުންދަކަމަށް ވިދާޅުވިއެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.