ޕާކިސްތާނުގެ ބޮޑެތި ރަށްތަކުގައި ހުރި ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ)ގެ ރެސްޓޯރެންޓުތަކަށް ދިން ނުރައްކާތެރި ޙަމަލާތަކަކާ ގުޅިގެން 170އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފިއެވެ. ކޭއެފްސީއަކީ އެމެރިކާގެ ކުންފުންޏަކުން ހިންގާ މަޝްހޫރު ރެސްޓޯރެންޓް ޗެއިނެކެވެ. ޕާކިސްތާނުގެ ބޮޑެތި ރަށްތަކުގައި ހުންނަ ކޭއެފްސީގެ ރެސްޓޯރެންޓުތަކަށް ޙަމަލާ ދީފައި ވަނީ، އެމެރިކާއާ ދެކޮޅު ޚިޔާލުތައް ކުރިއަރުވައި، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމާއި، އެ ޖަރީމާތަކަށް އެމެރިކާއިން ފޯރުކޮށްދެމުންދާ އެހީތެރިކަމާ ދެކޮޅު ގުރޫޕުތަކުންނެވެ.
ޣައްޒާ ޢުދުވާނާ ގުޅިގެން ޕާކިސްތާނުގައި ހުންނަ ކޭއެފްސީގެ ރެސްޓޯރެންޓުތަކާ ދެކޮޅަށް އެ ޤައުމުގެ ގިނަ ޕާޓީތަކުންނާއި ޢާންމުންގެ އެތަކެއް ސަތޭކަ ހާސް ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެމެރިކާގެ ކުންފުނިތަކުގެ އިތުރުން އެ ޤައުމުގެ ސަރުކާރުން އެއްވެސް ހުރަހެއް ނެތި ޔަހޫދީންނަށް ޚަރަދުކޮށް، އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި، މުސްލިމުން ގަތުލު ކުރުމަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ބައިވެރިވުމެވެ.
ޣައްޒާ ޢުދުވާނާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތަކެއް މިލިޔަން މުސްލިމުންނެއް ކޭއެފްސީ ފަދަ އެމެރިކާގެ ކުންފުނިތައް ބޮއިކޮޓު ކުރަމުންދާއިރު، ޕާކިސްތާނުގެ އެތަކެއް ސަތޭކަ ހާސް ބަޔަކު ވެސް ދަނީ އެ ފަދަ ކުންފުނިތަކާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި، ކޭއެފްސީ ފަދަ ކުންފުނިތަކުގެ އުފެއްދުންތައް ބޮއިކޮޓުކޮށް، އެ ތަނުން ޚިދުމަތް ހޯދުމަށް ދެކޮޅު ހަދަމުންނެވެ. ޕާކިސްތާނުގެ ފުލުހުން ބުނީ، އެ ޤައުމުގައި ހުރި ކޭއެފްސީގެ ރެސްޓޯރެންްޓުތަކަށް ދިން ޙަމަލާތަކާ ގުޅިގެން 176 މީހުން ހައްޔަރު ކޮށްފައިވާ ކަމުގައެވެ.
ޕާކިސްތާނުގެ ގުރޫޕުތަކުން ޙަމަލާ ދީފައިވާ ރެސްޓޯރެންޓުތަކުގެ ތެރޭގައި އެ ޤައުމުގެ ދެކުނުގައި އޮތް ބަނދަރުމަތީ ރަށް، ކަރާޗީއާއި އިރުމަތީގައި އޮތް ލާހޯރުގެ އިތުރުން ވެރިރަށް އިސްލާމްއާބާދުގައި ހުރި ކޭއެފްސީގެ ރެސްޓޯރެންޓުތައް ހިމެނެއެވެ. ފުލުހުން ބުނީ، އެ ރަށްތަކުގައި ހުރި ކޭއެފްސީގެ 11 ރެސްޓޯރެންޓަކަށް ގުރޫޕުތަކުން ޙަމަލާދީ، މުދަލަށް ގެއްލުން ދީފައިވާ ކަމުގައެވެ.
ފުލުހުންގެ މަޞްދަރުތަކުން ބުނީ، އެއް ހާދިސާގައި ކޭއެފްސީގައި މަސައްކަތް ކުރާ މުވައްޒަފަކަށް ބަޑިން ޙަމަލާދީ މަރައިލާފައިވާ ކަމުގައެވެ. އެ ހާދިސާ ހިނގާފައި ވަނީ ލާހޯރުގައެވެ. ކޭއެފްސީގެ އިތުރުން އެމެރިކާއާއި ޔަހޫދީންނާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ބާއްވަމުންދާ މުޒާހަރާތައް މި ވަގުތަށް މަޑުޖެހިފައިވާ ކަމަށާއި، ލާހޯރުގައި ކޭއެފްސީގެ މުވައްޒަފަކު މަރައިލި މައްސަލަ ތަޙިުޤީޤު ކުރަމުންދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.
ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ ލާހޯރުގައި ހުރި ކޭއެފްސީގެ 27 ރެސްޓޯރެންޓެއްގެ ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައެވެ. "ޙަމަލާތަކުގައި ބައިވެރިވި އެކި ގުރޫޕުތަކުން އަދާކޮށްފައިވާ ދައުރު ކަށަވަރު ކުރުމަށް އަޅުގަނޑުމެން މި ދަނީ ފުރިހަމަ ތަޙުޤީޤެއް ހިންގަމުން،" ލާހޯރުގެ ފުލުހުންގެ އިސް އޮފިސަރެއް ކަމުގައިވާ ފައިޞަލް ކާމްރާން ވިދާޅުވިއެވެ. ހަމަނުޖެހުންތަކާއި ޙަމަލާތަކާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި އިސްލާމީ ޝަރީޢަތަށް ވަކާލާތު ކުރާ ސިޔާސީ ޕާޓީއެއް ކަމުގައިވާ ތަޙްރީކް އަލް-ލުއްބަޔިކް ޕާކިސްތާން (ޓީއެލްޕީ)ގެ 11 މެންބަރުން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މިއީ އެ ޕާޓީން އިންތިޒާމު ކޮށްފައިވާ މުޒާހަރާތަކެއް ނޫނެވެ. އެ ޕާޓީގެ ތަރުޖަމާނު ރީޙާން މުޙްސިން ޚާން ވިދާޅުވީ، ޒަޔަނިސްޓު އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް އެ ޕާޓީން ގޮވައިލާފައިވީ ނަމަވެސް، ހަމަނުޖެހުން ހިންގުމަށް، އަދި ކޭއެފްސީގެ ރެސްޓޯރެންޓުތަކަށް ޙަމަލާ ދިނުމަށް އެ ޕާޓީން ހިތްވަރު ދީފައި ނުވާނެ ކަމުގައެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި، އެ ޤަތުލުޢާންމުގައި އޮތް އެމެރިކާގެ ބައިވެރިވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތަކެއް މިލިޔަން މުސްލިމުންނެއް ދަނީ ޒަޔަނިސްޓު އިސްރާއީލާއި އެމެރިކާގެ ކުންފުނިތަކާއި އުފެއްދުންތައް ބޮއިކޮޓު ކުރަމުންނެވެ. އޭގެ ތެރޭގައި ރެސްޓޯރެންޓް ޗޭނެއް ކަމުގައިވާ މެކްޑޮނަލްޑްސްގެ އިތުރުން ޑަވް، ބެން އެންޑް ޖެރީސް އަދި ނޯރްގެ އުފެއްދުންތައް އުފައްދާ ޔުނިލިވަރ ކުންފުނި، އަދި މަޝްހޫރު ކޮފީ ބްރޭންޑް، ސްޓާބަކްސް ފަދަ ކުންފުނިތައް ހިމެނެއެވެ.