ޚަބަރު

އިންޑިއާއާއި ބަންގާޅުގެ ރަސްކަމަށް ނިމުމެއް ގެންނަން ރާއްޖެއަށް ރަނުގެ ފުރުސަތެއް


  • އިންޑިއާ އާއި ބަންގްލަދޭޝް އިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި

  • މިއީ ރާއްޖޭގައި ބާއްވާ އުމުރުފުރައިގެ ފުޓުބޯޅައިގެ ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތް

އަންނަ ހޯމަ ދުވަހަކީ އަނެއްކާވެސް ރާއްޖޭގެ ކުޅިވަރު ކޮމިއުނިޓީއަށް މުހިންމު ދުވަހެކެވެ. ޙާއްސަ ގޮތެއްގައި ފުޓުބޯޅަ އާއިލާއިން ނުހަނު އިންތިޒާރުކުރާނެ ދުވަހެކެވެ.

ފުރަތަމަ ފަހަރަށް، އުމުރުފުރައިގެ، ބައިނަލްއަގްވާމީ ފުޓުބޯޅަ މުބާރާތެއް ރާއްޖޭގައި ފަށާނެއެވެ.

ޖުމްލަ ހަތް ޓީމަކުން ވާދަކުރާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗު، ހޯމަ ދުވަހުގެ ހަވީރު ފަށާއިރު، މި މުބާރާތަކީ އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ޙާއްސަވާ މުބާރާތެކެވެ.

ފަހަރެއްގައި މިއީ އުމުރުފުރައިގެ މުބާރާތެއްކަމުން، މިއީ ކުޑަ، މާ މުހިންމުކަމެއް ނެތް، އާދައިގެ މުބާރާތެކޭ ބައެއް ފަރާތްތަކުން ހިތަށް އަރާނެއެވެ. އެހެންނަމަވެސް ތަންކޮޅެއް ފުންކޮށް ވިސްނާލާނަމަ، މިއީ ކިހާ މުހިންމު މުބާރާތެއްކަން އަދި ޤައުމުތަކުން ކިހާ ބޮޑު އަހައްމިއްޔަތުކަމެއްދޭ މުބާރާތެއްކަން ވެސް އެނގި ހާމަވެއެވެ.

ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތަކީ މި މުބާރާތުގެ ތިންވަނަ އެޑިޝަނެވެ.

މި މުބާރާތުގެ ފުރަތަމަ އެޑިޝަން ބޭއްވީ 2022 ވަނަ އަހަރު އިންޑިއާގައެވެ. ފައިނަލުގައި ބަންގްލަދޭޝް ބަލިކޮށްގެން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާ އިންނެވެ. އެ މުބާރާތުގައި އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން ތިން ޓީމެއް ވާދަކުރިއެވެ. އެއީ ރާއްޖެއާއި ނޭޕާލް އަދި ސްރީލަންކާއެވެ.

މުބާރާތުގެ ދެވަނަ އެޑިޝަން ބޭއްވީ 2024 ވަނަ އަހަރު ނޭޕާލުގައެވެ. ހަތް ޓީމު ބައިވެރިވި އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝް އިންނެވެ. އެއީ ފައިނަލުގައި ނޭޕާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މުބާރާތުގައި ބަންގްލަދޭޝްއާއި ނޭޕާލްގެ އިތުރުން ދެން ބައިވެރިވީ ރާއްޖެއާއި ބޫޓާނާއި އިންޑިއާ އަދި ޕާކިސްތާނާއި ސްރީލަންކާއެވެ.

ކަން މިހެން އޮތުމުން، މި މުބާރާތުގައި އިންޑިއާ އާއި ބަންގްލަދޭޝް އިން ހޯދާފައިވާ ރަން ކާމިޔާބީގެ ލިސްޓުގައި ދިވެހިންގެ ނަން ހިމަނާލުމަށް، އަމިއްލަ ގައުމުގައި، އަމިއްލަ ފަސްގަނޑުގައި ދިވެހި ޤައުމީ ޓީމަށް މިވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ.