މިމަހުގެ 24 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ "ހުޅަނގު ބީޗު ހޭންޑްބޯޅަ މުބާރާތް 2025"ގެ ގުރު ނަގައިފިއެވެ.
މި މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުމާލޭ ދުވާ ޓްރެކްގެ ސެމިނަރ ރޫމްގައެވެ. މި މުބާރާތުގައި ދެ ޑިވިޝަން ހިމެނޭހެން ޖުމްލަ 24 ޓީމެއް ވާދަކުރަން ހަމަޖެހިފައިވާއިރު، މިއީ މިހާތަނަށް އެންމެ ގިނަ ޓީމާއެކު ބޭއްވޭ ހޭންޑްބޯޅަ މުބާރާތްކަމަށް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހޭންޑް ބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވިއެވެ.
ދެ ޑިވިޝަނަކަށް ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ޑިވިޝަނަކުން 12 ޓީމު ވާދަކުރާނެއެވެ. ތިން ގްރޫޕަކަށް ޓީމުތައް ބެހިފަވާއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމާއި ތިން ވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭގޮތަށްވަނީ ހަމަޖެހިފައެވެ.
ކޮންމެ ޑިވިޝަނަކުންވެސް ޗެމްޕިއަން ޓީމަށް 7500 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ މި މުބާރާތުގެ ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ނިންމާފައެވެ. މީގެ އިތުރުން މުބާރާތުގެ ދެ ޑިވިޝަނުން އެންމެ މޮޅު ހަތަރު ކުޅުންތެރިން ފާހަގަކޮށް ޑްރީމް ޓީމު އެކުލަވާލުމާއި، "ހުޅަނގު ބީޗު ހޭންޑްބޯޅަ މުބާރާތް 2025"ގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާވެސް ހޮވުމަށްވަނީ ހަމަޖެހިފައެވެ.
ވެސްޓް އެންޑް ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.