ޚަބަރު

ޙާފިޡުން ތަމްރީންކުރާ ނައިފަރު ޤުރުއާން ކްލާސް ސަރުކާރުން ތަރައްޤީކުރަނީ


  • މި ޤުރުއާން ކްލާސް ތަރައްގީ ކުރަނީ ވަޤުފު ފަންޑުގެ އެހީގައި

  • މި ޤުރުއާން ކްލާހުން މިއަހަރު 4 ދަރިވަރުން ޤުރުއާން ހިތުދަސްކޮށް ދަސްވެނިވިފައިވޭ

ގިނަ އަދަދެއްގެ ހާފިޡުންތަކެއް އުފައްދަމުން އަންނަ ޅ. ނައިފަރު ޤުރުއާން ކްލާސް ވަޤުފް ފަންޑުގެ އެހީގައި ތަރައްގީކުރަން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އަމިއްލަ ފަރާތެއް ކަމަށްވާ އައްޝައިޚް އަހުމަދު ނާޒިލް ހިންގަމުން އަންނަ "ޝައިޚް ނާޒިލް އިންސްޓިޓިއުޓް" ތަރައްގީ ކުރުމަށް ނިންމާފައިވަނީ ދީނީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑުންނެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް މުތީޢު އިސްމާއިލެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން، ގިނަ ކުދިންތަކެއް ޤުރުއާން ހިތުދަސްކުރި ޅ. ނައިފަރުގެ ޤުރުއާން ލާނިންގ ސެންޓަރު ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި އެދިފައިވާކަމަށް މިދިޔަ މަހު ނެރުނު ބަޔާނެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވަނީ ސަރުކާރުން އެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި އިސްލާމީ މަރުކަޒު ޤާއިމްކޮށްފައި ނުވާ ރަށްރަށުގައިވެސް މިސްކިތްތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އިދާރާތައް ފިޔަވައި އަމިއްލަ ފަރާތްތަކުން ހިންގާ ޤުރުއާން ކްލާސްތަކުގައިވެސް ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް އެ ވުޒާރާއިން ހުރިހާ ގޮތަކުން އެހީތެެރިކަން ފޯރުކޮށްދެއްވާނެކަން ވަޒީރު ވިދާޅުވިއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ގިނަ ޙާފިޡުންތަކެއް ދަސްވެނިވި ޅ. ނައިފަރުގައި އަމިއްލަ ފަރާތަކުން ހިންގާ ޤުރުއާން ކްލާސް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެތަނުގައި ކްލާސް އިތުރުކުރުމާއެކު އިތުރު ވަސީލަތްތައް ޤާއިމުކޮށްދެވޭނެ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް 7މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ނިންމުން ކަމަށްވެސް ވިދާޅުވިއެވެ.

"ޝައިޚް ނާޒިލް އިންސްޓިޓިއުޓް" ހިންގަމުން އަންނަ އައްޝައިޚް އަހުމަދު ނާޒިލް "ޕީއެސްއެމް ނިއުސް"އަށް ވިދާޅުވީ 2020 ވަނަ އަހަރު ފެށި ޤުރުއާން ކްލާސް ހިންގަމުން އަންނަ އިމާރާތް ވަނީ ބޭނުން ނުކުރެވޭވަރަށް ބާވެފައި ކަމަށެވެ. ޤުރުއާން ކްލާސްތަކަކީ މާބޮޑު މާލީ މަންފާއެއް ލިބޭ ތަނަކަށް ނުވާތީ ބޮޑެތި ޚަރަދުކޮށްގެން ގަވާއިދުތަކާ އެއް ފެންވަރަށް އެފަދަ ތަންތަން ތަރައްގީކޮށް ހިންގުމަކީ ޤުރުއާން ކިޔަވައިދޭ ފަރާތްތަކަށްވެސް ތަކުލީފެއް ކަމަށާއި ސަރުކާރުން އެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ޤުރުއާން ކްލާސްތަކަށް އެހީތެރިވާން ފެއްޓެވުމުން ރާއްޖޭގައި ޤުރުއާނުގެ ޢިލްމު ފެތުރިގެންދާނެ ކަމަށާއި މިއީ ރައްޔިތުން ޝުކުރުވެރިވާންޖެހޭ ކަމެއް ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

މިއަހަރުގެ ރަމަޟާން މަހު ބޭއްވި ހާފިޡުންގެ ދަސްވެނިވުމުގެ ހަފްލާގައި ނައިފަރުގެ ޤުރުއާން ކްލާހުން 4 ދަރިވަރަކު ދަސްވެނިވިއެވެ. އެ ކްލާހުގައި 38 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާ ކަމަށާއި އަންނަ އަހަރުގެ ރަމަޟާން މަހު 8 ދަރިވަރަކު ޤުރުއާން ހިތުދަސްކޮށް، ދަސްވެނިވާނެކަމަށް ލަފާކުރެވޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.