އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ މަސައްކަތް ށ.އަތޮޅު ކައުންސިލުން ފަށައިފިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިސިޔާސަތުގެ ދަށުން، މިހާރު ށ.އަތޮޅު ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވިއެވެ.
މިއާއެކު މިހާރު ރާއްޖޭގެ 17 ރަށަކުން އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ދެމުންދާކަމަށް ޑީއެންއާރުން ވިދާޅުވެއެވެ. އަދި އަންނަ ހަފްތާ ތެރޭގައި ށ.މިލަންދޫގައި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ޑީއެންއާރުން ވިދާޅުވެއެވެ.
We are pleased to announce that ID card printing services have been extended to the Shaviyani Atoll Council. The Council will now manage the printing and distribution of ID cards for all islands within the Shaviyani Atoll. pic.twitter.com/eBvbZypcHI
— Department of National Registration (@dnrmaldives) April 16, 2025
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މިޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މިޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މިޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.