ޚަބަރު

އަމާޒަކީ ރައީސްގެ ވައުދާ އެއްގޮތަށް ޒުވާން ޤާބިލު ހުނަރުވެރި މަސައްކަތު އާބާދީއެއް އުފެއްދުން: ވަޒީރު ހައިދަރު


  • އަޕްސްކިލްސް ޕްރޮގްރާމް ކުރިއަށް ގެންދަނީ ވިލާ ކޮލެޖާއި އެމްއައިޓީ ކޮލެޖާއި ގުޅިގެން

  • ދިވެހި މުވައްޒަފުންނަށް ބޭރުގެ ބަސްތައް ދަސްކުރުމުގެ ފުރުޞަތު ފަހިވާނެ

އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ޒުވާން ޤާބިލު ހުނަރުވެރި މަސައްކަތު އާބާދީއެއް ތައްޔާރުކުރުންކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ވާރލްޑް ބޭންކްގެ އެހީގައި އެ ވުޒާރާއިން ކުރިއަށްގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން ފަށާ އަޕްސްކްލިންގ ޕްރޮގްރާމު އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އަޕްސްކިލްސް ޕްރޮގްރާމް ކުރިއަށް ގެންދަނީ ވިލާ ކޮލެޖާއި އެމްއައިޓީ ކޮލެޖާއި ގުޅިގެންނެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ މި ޕްރޮގްރާމުގެ މަޤްޞަދަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކާއި ގުޅިގެން މަސައްކަތްކުރާ އުމުރުފުރައިގެ މީހުން އާމްދަނީ ހޯދުމަށް ބޭނުންވާނެ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ މަގުފަހިކޮށްދީ އެކަމަށް ފުރުޞަތު ފަހިކޮށްދިނުންކަމަށެވެ.

އެގޮތުން ފަށާ އަޕްސްކްލިންގ ޕްރޮގްރާމުތަކުގެ އެއް އަމާޒަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ "ދިވެހިންނަށް ޚާއްޞަ އަދި ދިވެހީންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރުމަށް" ކަނޑައަޅާފައިވާ ސިޔާސަތުގެ ތެރެއިން ޒުވާން ޤާބިލު ހުނަރުވެރި މަސައްކަތު އާބާދީއެއް ތައްޔާރުކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޙައިދަރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގެ މައިތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުންނަށް ބޭރުގެ ބަސްތައް ދަސްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ޗައިނީޒް މެންޑަރިން، ފްރެންޗް، ސްޕެނިޝް އަދި ރަޝިޔަން ފަދަ ބަސްބަހުން މުޢާމަލާތް ކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުޞަތު މި ޕްރޮގްރާމުގެ ތެރެއިން ފަހިވެގެންދާނެކަމަށެވެ.

"ދެމެހެއްޓެނިވި އަދި އިއާދަކުރުވަނި ހަކަތައިގެ ވަސީލަތްތައް އިތުރުކުރުމަށް ސަކުރާކުރުން ފަށައިފައިވާ މަސައްކަތަށް ބޭނުންވާނެ ހުނަރުވެރިން ތަމްރީންކުރުމާއި، ގްރީން ވާރކް ފޯސްއެއް ބިނާކުރުމަށް ޚާއްސަ ތަމްރީނުތަކެއް މި ޕްރޮގްރާމުގައި ހިމެނިފައިވާނެ. އެގޮތުން މި އަޕްސިކްލިން ޕްރޮގްރާމުގެ ބޭނުން ދިވެހި ޒުވާނުން ފުރިހަމަގޮތުގައި ހިފާނެކަމަށް އުންމީދުކުރަން" ވަޒީރު ހައިދަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބް، ވިދާޅުވީ މި އަޕްސިކްލިން ޕްރޮގްރާމު ތަޢާރަފްވުމުން ވިލާ ކޮލެޖަށް އިތުރު 2 ޕްރޮގްރާމެއް ހިންގުމުގެ ފުރުޞަތު ލިބިގެން ގޮސްފައިވާކަމަށެވެ. ނަޖީބު ވިދާޅުވީ ވިލާ ކޮލެޖުން މަތީ ތައުލީމާއި ބެހޭ ވުޒާރާއާއި ތައުލީމީ ވުޒާރާއާއި އެކީ މަސައްކަތްކޮށް 2008 އިން ފެށިގެން މިހާތަނަށް 1000 އެއްހާ ކުދިން ހުނަރު ތަރައްޤީކުރާ ޕްރޮގްރާމްގެ ދަށުން ތަމްރީނުކޮށްފައިވާކަަމަށެވެ.

"ދެން މި އެވޯޑްކުރެވޭ ޕްރޮގްރާމް އަޅުގަނޑު ޔަގީންކަން އަރުވަން ކުރިއެކޭވެސް އެއްގޮތައް މިނިސްޓްރީގެ އެކްސްޕެކްޓޭޝަނާއި އެއްގޮތައް ކުރިއަށް ގެންދަން" މުޖްތަބާ ވިދާޅުވިއެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ޙަލީމް، ވިދާޅުވީ ރާއްޖޭގެ ކިތަންމެ ގިނަ ޓެކްނޮލޮޖީ ވަސީލައްތައް ޤާއިމްވި ކަމުގައިވިއަސް އެ މެއިންޓަނަސް ކުރާނެ ބަޔަކު ނެތިއްޔާ ފައިދާ ނުކުރާނެކަމަށެވެ. އެހެންކަމުން ރާއްޖޭގެ މިފަދަ ދިވެހި ޒުވާނުން ބިނާކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން ކޮންޕިޓެންޓު ސްކިލް ވޯކް ފޯރސްއެއް އުފެއްދުމަށް ބެލެހެއްޓުމަށް ރާއްޖޭގައި ޒުވާނުންކަމަށް ހަދައިގެން ދާން ޖެހޭ. އޭރުން އެހެން ޖީލަކަށް ވާސިލްވުމަށް މަސައްކަތް ކުރެވޭނީ" ހަލީމް ވިދާޅުވިއެވެ.

ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ތަރައްޤީކޮށް ވަސީލަތްތައް އިތުރުކުރުމާއެކު ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.