އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެ އެކަން ރަސްމީކޮށް ޢާންމުކޮށްފިއެވެ.
އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤްކުރައްވާފައެވެ. އެހިނދުން ފެށިގެން ރާއްޖެއަށް އިސްރާޢީލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް އެތެރެނުވެވޭނެއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުންވެސް ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ. މި އެޑްވައިޒަރީގައިވާގޮތުން 2025ވަނަ އަހަރުގެ އެޕްރީލްމަހުގެ 15ވަނަ ދުވަހުން ފެށިގެން އިސްރަޢީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެއްވެސް މީހަކު އައުމަކީ މަނާކަމެއްކަމަށް ވަނީ ބަޔާންކުރައްވާފައެވެ.
އިސްރާއިލު ޕާސްޕޯޓު މަނާކުރުމަށް ރާއްޖެއިން ނިންމި ނިންމުމާއިގުޅިގެން ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސަމާލުކަން ވަނީ ރާއްޖެއަށް ހުއްޓިފައެވެ. މީގެތެރޭގައި އަލްޖަޒީރާ، ރަޝިޔާގެ އާރުޓީ ނިޢުސްއާއި އަދި އެހެނިހެން ބޮޑެތި މީޑިއާތައް ހިމެނެއެވެ.
Travel Advisory: Entry into Maldives Prohibited on Israeli Passports.
— Maldives Immigration (@ImmigrationMV) April 15, 2025
Read more: https://t.co/axLnVZbfhw pic.twitter.com/wPucd7qwPg
ބޭރުގެ މީޑިއާތަކުގެ އިތުރުން ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައިވެސް ގިނަ ފަރާތްތަކުން މިހާރު ދަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި ނިންމި ނިންމުން ފާހަގަކޮށް، ރައީސުލްޖުމްހުރިއްޔާއަށާއި އެމަނިކުފާނުގެ ސަރުކާރާއި ދިވެހި ރައްޔިތުންނަށް ތައުރީފްގެ މެސެޖުތަކާއި ޝުއޫރުތައް ފޮނުވަމުންނެވެ.
ފަލަސްޠީނު ރައްޔިތުންގެ ހައްޤުގައި ސަރުކާރުން ނިންމެވި މި ނިންމެވުމަށް އާންމު ރައްޔިތުންވެސް އަންނަނީ ތަޢުރީފުކުރަމުންނެވެ. މިއީ ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލާ ރާއްޖޭން ވަކާލާތު ކުރާ ވަކާލާތުކުރުމަށްވެސް ލިބުނު ކުރިއެރުމެއްގެގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
އިސްރާޢީލުގެ ހައްދުފަހަނައަޅާފައިވާ ފައުޖުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓާލުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ވަކާލާތު ކުރައްވަމުންނެވެ. އަދި ރާއްޖެއިން އޮންނާނީ އަބަދުވެސް ފަލަސްޠީނާއެކުކަން ހާމަކުރައްވައި ދަނީ އަޑުއުފުއްލަވަމުންނެވެ.