4000 ފްލެޓް ލިސްޓާ ގުޅިގެން މިހާތަނަށް 2000އާ ގާތްކުރާ އަދަދަކަށް ޝަކުވާ ހުށައަޅާފައިވާކަމަށް ގެދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ފްލެޓް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު މިރޭ ހަމަވާނެއެވެ.
މި މަޝްރޫޢުގައި 4000 ފްލެޓް ލިބޭކަމަށް ކަނޑައެޅި ލިސްޓް ރިވިއުކުރުމަށްފަހު، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމާފައިވަނީ، ފްލެޓްދީފައިވާ މީހުންގެ ތެރެއިން 2180 މީހުން ސްކީމަށް ޝަރުތު ހަމަނުވާކަމަށެވެ.
މި ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުލުވާލީ މަރޗްމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ފަހުން މި މުއްދަތު އިތުރުކޮށްފައިވާއިރު، ސުންގަޑި މިރޭގެ 12:00އަށް ހަމަވާނެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ނަޒީމް ވިދާޅުވީ، މިހާތަނަށް ވަރަށް ގިނަ ޝަކުވާ ލިސްޓަށް ލިބިފަވާކަމަށެވެ. ނަޒީމް ވިދާޅުވީ ފޯމުތައް ލިބެމުންދިޔަވަރަކަށް، ފޯމުތައް ރިވިއުކޮށް މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމުގެ މަސައްކަތްތައް ފަށާފައިވާކަމަށެވެ.
"2000އާއި ގާތްކުރާ އަދަދަކަށް ޝަކުވާ ވަނީ ލިބިފައި. ރޯދަމަހުވެސް އަޅުގަނޑުމެންވާނީ ވަރަށް ގިނަ ފޯމުތަކުގެ ޝަކުވާތައް ބަލަން ފަށާފައި. ފޯމުތަކުގެ ބޮޑު ބައެއް ބެލިއްޖެ. ޓަރގެޓަކީ ވީހާވެސް އަވަހަށް ޝަކުވާތައް ބަލާ ނިންމާލުން." ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ނަޒީމް ވިދާޅުވިއެވެ.
ނަޒީމް ވިދާޅުވީ ލިސްޓާ ގުޅިގެން އެންމެ ގިނަ ޝަކުވާތަކެއް ހުރީ، މާލޭގައި އުޅެފަވާ މުއްދަތާ ގުޅިގެންކަމަށެވެ.
މި ސްކީމްގެ އުސޫލުގައިވާގޮތަށް، މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމަށް، 15 އޮކްޓޯބަރު 2007 އިން ފެށިގެން 15 އޮކްޓޯބަރު 2022 އަށް، އެކަމާ ގުޅޭ ތަފްސީލް ޝަކުވާގައި ހިމަނަންޖެހޭނެއެވެ. ނަމަވެސް ފަހުން ގެނައި ބަދަލުގައި ވަނީ ޙާއްސަ ޙާލަތެއް މެދުވެރިވެގެން 1 އަހަރުގެ މެދުކެނޑުމެއް އައިނަމަވެސް، އެކަން ބަލައިގަތުމަށް ނިންމާފައެވެ.
ނަޒީމް ވިދާޅުވީ، ޝަކުވާއަށް ހުޅުވާލި ފުރުޞަތުގައި އިތުރު ލިޔެކިޔުން ހުށަ ނޭޅޭނެކަމަށެވެ. އެހެންކަމުން ވީހާވެސް ތަފްސީލީގޮތެއްގައި މި މަޢުލޫމާތުތައް ޝަކުވާ ފޯމުގައި ލިޔެގެން ހިމެނުމަށް ވަނީ އެދިފައެވެ.
"ގިނަ މީހުން ބުނަނީ އެކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށައެޅުން އެއީ އެހާ މުހިންމުކަމެއް ނުދެކޭތީ އޭރު އޭހާ ސަމާލްކަންދީގެން ހުށަނޭޅީކަމަށް. މިހާރު ވީހާވެސް ތަފްސީލްކޮށް އެކަން ފޯމުގައި ލިޔަންވީ. ފޯމުގައި ލިޔެވޭނެ މިންވަރުވެސް ވާނީ އިތުރުކޮށްދީފަ. ވަޒީފާގައި އުޅުނުކަމާ، ދަރިން ކިޔަވަން އުޅުނުނަމަ، އެ ތަފްސީލްވެސް ފޯމުގަ ލިޔެގެން ހުށައަޅަންވީ. އޭރުން އަޅުގަނޑުމެން ވެރިފައި ކުރާނަން." ސްޓޭޓް މިނިސްޓަރ ނަޒީމް ވިދާޅުވިއެވެ.
ޝަކުވާ، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އަދި [email protected] އަށް މެއިލުންވެސް ހުށައެޅޭނެއެވެ.
ލިސްޓްގެ މައްސަލަ ބެލުމުގައި ވުޒާރާއިން ބަލާފައިވަނީ 4000 ފްލެޓް ލިބޭނެކަމަށް ކުރީގެ ސަރުކާރުން 15 ނޮވެމްބަރު 2023 ގައި ގެޒެޓުކުރި ލިސްޓަށެވެ.