ނ. ވެލިދޫގައި މިއަދު ފެށި ޑައިލިސިސްގެ ޚިދުމަތާއެކު މާލެގެ އިތުރަށް ރާއްޖޭގެ 15 ރަށަކުން އެޚިދުމަތް ލިބިގެން ދާނެއެވެ. ވެލިދޫ އަކީ ނ. އަތޮޅުގައި ޚިދުމަތް ފެށި 2ވަނަ ރަށެވެ.
މާލެއާ އެއްގޮތައް ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ސިއްޙީ ޚިދުމަތްތައް އެއްހަމައެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މާލެ ސަރަހައްދުން ލިބޭ ޚިދުމަތް އަތޮޅުތަކުގައި ސަރުކާރުން ދަނީ ޤާއިމްކުރަމުންނެވެ.
ނ. ވެލިދޫގައި ޑައިލިސިސްގެ ޚިދުމަތް ފެށުމާއި ގުޅިގެން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލް މެމްބަރ އަބްދުއްﷲ އަބްދުއްރައްޒާގު ވިދާޅުވީ އެރަށުގައި ފެށިގެން މިދިޔަ ޑައިލިސިސްގެ ޚިދުމަތާއެކު ފައިދާ ކުރާނީ ހަމައެކަނި ވެލިދޫގެ ރައްޔިތުންނަށް ނޫންކަމަށެވެ. އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މިކަމުން ފައިދާ ކުރާނެކަމަށެވެ.
އަބްދުއްރައްޒާޤު ވިދާޅުވީ ޑައިލިސިސްގެ ޚިދުމަތް ފެށިގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއިފަސޭހަކަމެއްކަމަށެވެ. ޚިދުމަތް ހޯދަން ދިގު ދަތުރުކުރުން ނިމުމަކަށް އަންނާނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
"ޑައިލިސިސްގެ ޚިދުމަތާއެކު ވަރަށް ބޮޑު ލުއިފަސޭތަކެއް ލިބިގެންދާނެ. އަތޮޅު ތެރޭގެ ގިނަ ބަޔަކަށް މީ ވަރަށް ބޮޑު ފަސޭހައެއް" އަބްދުއްރައްޒާޤު ވިދާޅުވިއެވެ.
ވެލިދޫ ކައުންސިލް މެމްބަރު ވިދާޅުވީ ޑައިލިސިސްގެ ޚިދުމަތާއެކު އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއްވެސް އެރަށުގައި ޚިދުމަތް ފެށާފައިވާކަމަށާއި، އިތުރަށް ބޭނުންވާ އެހެނިހެން މެޝިންތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
ވެލިދޫގައި ގާއިމްކޮށްފައިވާ ޑައިލަސިސް ސެންޓަރުން އެއްފަހަރާއި 3 މީހުންނަށް ފަރުވާ ދެވޭނެއެވެ. ވެލިދޫ ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފަށުމުގެ ގޮތުން 2 މީހަކަށް ޑައިލިސިސް ފަރުވާ ވަނީ ދީފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމެވެ. އެގޮތުން މިއަހަރު އިތުރު 9 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ވަނީ ނިންމާފައެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ ޑައިލިސިސްގެ ޚިދުމަތް ދެން އެންމެ އަވަހަށް ފަށާނީ ތ. އަތޮޅުގައިކަމަށެވެ.
ޑައިލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު ހަށިގަނޑުގައި ލޭ ސާފުކުރުމަށް ޚިދުމަތް ހޯދާ ކޮންމެ ދުވަހަކުވެސް 4 ގަޑިއިރަށްދޭ ޚިދުމަތެކެވެ.
އައު ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާ އެކުއެކީގައި ޞިއްޙީ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއްކަން ކަށަވަރުކުރުމަށްޓަކާ މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް މި ސަރުކާރުން ދަނީ ގެންނަމުންނެވެ. އެގޮތުން ހެޔޮ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އާސަންދައަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އަދި މި ދާއިރާއިން ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައްވެސް މި ސަރުކާރުން ދަނީ ގެންނަމުންނެވެ.