ޚަބަރު

ދިވެހިންނަށް ޓިކްޓޮކުން އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކާމެދު މަޝްވަރާކޮށްފި


  • ޓިކްޓޮކްގެ އިސް ވަފްދަކާއެކު މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފައި

  • ޑިޖިޓަލް މޮނިޓައިޒޭޝަންގެ އައު މަގުތައް ހުޅުވުމަށް މަޝްވަރާކުރި

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް އެ ޕްލެޓްފޯމް މެދުވެރިކޮށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކާމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައްކޮށްފައިވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުންވާ ޓިކްޓޮކްގެ އިސް ވަފްދުގެ މެންބަރުންނާއެކު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބައްދަލުކުރައްވައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޓިކްޓޮކްގެ ވަފްދާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ޑިޖިޓަލް މޮނިޓައިޒޭޝަންގެ އައު މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ. އަދި ފުރިހަމަ އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެއްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

ޓިކްޓޮކް މެދުވެރިކޮށް ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގު ތަނަވަސްވުމުން ޒުވާނުންނަށް އާމްދަނީ ލިބޭނެ އިތުރު ފުރުޞަތުތައް ފަހިވެގެން ދާނެކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ ކުރިން ވަނީ ސޯޝަލް މީޑިއާ އެހެން ޕްލެޓްފޯމްތަކުންވެސް ފައިސާ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ޕޭޕާލްއަށް ފައިސާ ޖަމާކޮށް ނެގޭނެ ޚިދުމަތް ރާއްޖޭގައި ފަށަންވެސް މަޝްވަރާކޮށްފައިވެއެވެ.


މީގެ ކުރިން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ގިނަ އަދަދެއްގެ އުފެއްދުންތެރިން އެބަތިބިކަމަށާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަކީވެސް އާމްދަނީ ހޯދޭނެ ވަސީލަތްތަކެއްކަމަށެވެ. ރާއްޖޭގައި މިކަން ނުކުރެވޭ ސަބަބަކީ ރާއްޖެއަށް މިހާރު އޮތް ނިޒާމުގެ ތެރޭގައި ޕޭމަންޓް ރިސީވް ކުރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުންކަމަށް ވަޒީރު މީގެކުރިން ވިދާޅުވިއެވެ.

އަލަށް އުފެދިގެން އަންނަ ކްރިއޭޓިވް ނުވަތަ އުފެއްދުންތެރިން އޮންލައިންކޮށް އެތައް ވިޔަފާރިއެއް ކުރާކަމަށާއި، ރާއްޖޭގެ ޑިޖިޓަލް އީކޮމާސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ޓިކްޓޮކުން ރާއްޖެއަށް އެންމެ ފައިދާހުރިގޮތް ހޯދުމަށްޓަކައި ރީޖަނަލް އޮފީސްތަކާވެސް ވާހަކަދައްކަން ފަށާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކުރާއިރު ޗައިނާގެ ސަރުކާރުގެ އެހީތެރިކަމަށްވެސް މިހާރު އެދިފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.