ކުޅިވަރު

ވީއޭއެމް ކަޕް: އެއްވަނައިގެ ގޮތުގައި ޕޮލިސް ސެމީއަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް ކަޕުގައި މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް، ޕޮލިސް ކުލަބުން ގުރޫޕް އޭގެ އެއްވަނައިގެ ގޮތުގައި މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދައިފިއެވެ.

ޒުވާނުން މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު މެޗު ޕޮލިހުން ކާމިޔާބުކުރީ ހުރާ ކޮމިއުނީޓީ ކުލަބާ ވާދަކޮށް ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް ޕޮލިސް ކާމިޔާބުކުރީ 25-22 އިންނެވެ. ދެވަނަ ސެޓް ޕޮލިހުން ގެންދިޔައީ 25-17 އިންނެވެ.

މެޗުގެ ފަހު ސެޓު ވަރަށް ފޯރިގަދަކޮށް ފެނުނުއިރު ދެ ޓީމުންވެސް ވަނީ ވަރަށް ރަނގަޅަށް މި ސެޓުގައި ކުޅެފައެވެ. މި ސެޓު ޕޮލިހުން ކާމިޔާބު ކުރީ ވާދަވެރި ކުޅުމަކަށް ފަހު 26-24 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކުލަބު ބްރެޒިލް ކުޅުންތެރިޔާ ގްރެޒިއެލީ ރިބޯރީ ދި ސައޯޒާއެވެ. މި މެޗުން ބަލިވި ނަމަވެސް ހުރާ ޓީމު ވަނީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަހަރު ފިރިހެން އަދި އަންހެން ލީގު ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ވަކިވަކިންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްދަނީ އަންހެން މުބާރާތްތަކެވެ.