ޚަބަރު

ވެލިދޫގައި ޑައިލިސިސްގެ ޚިދުމަތް މާދަމާ ފަށަނީ


  • ވެލިދޫގައި ޑައިލިސިސް ޚިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފައި

ނ. ވެލިދޫގައި ޑައިލިސިސްގެ ޚިދުމަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ވެލިދޫ ޞިއްޙީ މަރުކަޒުން ވިދާޅުވީ އެ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފެށުމަށްޓަކައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.

މާދަމާ ވެލިދޫ ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފަށާއިރު، 2 ބަލި މީހަކަށް މާދަމާ ފަރުވާދިނުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ލިބޭނެގޮތް ހެދުމެވެ. އެގޮތުން މިއަހަރު އިތުރު 9 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ވަނީ ނިންމާފައެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ ޑައިލިސިސްގެ ޚިދުމަތް އެންމެ އަވަހަށް ދެން ފަށާނީ ތ. އަތޮޅުގައިކަމަށެވެ.

ތ. އަތޮޅުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ނިންމާފައިވަނީ ވޭމަންޑޫގައި ހުންނަ ތ.އަތޮޅު ހޮސްޕިޓަލުގައެވެ. މިއީ ރައްޔިތުންނާ ވީހާވެސް ގާތުން ސިއްޙީ ޚިދުމަތްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެތޮޅުގައި ފަށާ ޚިދުމަތެކެވެ. ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސ ޑައިލިސިސްގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުންނެވެ. މިވަގުތު ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައިވެސް އަންނަނީ ޑައިލިސިސްގެ ޚިދުމަތް ދެމުންނެވެ.

ޑައިލިސިސްގެ ޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ އިހަވަންދޫގައެވެ. އެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކަކީ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ.