ގއ. ދާންދޫގައި ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވައިފިއެވެ.
ލައިސަންސް ޓްރެކާއެކު، ގއ. ދާންދޫއިން 'އޭ' ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އައު ލައިސަންސް ޓްރެކް ހުޅުވުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމަށްޓަކައި ކައިރި އެހެން ރަށްރަށް އަދި މާލެ އައުމުގެ ބުރަ ލުއިވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެކެއްކަމަށްވެސް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ލާމަރުކަޒީ އުޞޫލުން އަތޮޅުތަކުގައި ލައިސަންސް ނެގުމުގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު މި ޚިދުމަތް 19 ރަށެއްގައި އަލަށް ފެށިފައިވާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިއަހަރުގެ މިހާތަނަށް 5 ރަށެއްގައި ލައިސަންސް ނެގުމުގެ ޚިދުމަތް ފަށާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މިއާއެކު ރާއްޖޭގެ 50 ރަށަކުން މިހާރު މި ޚިދުމަތް ލިބިގެންދާނެކަން ދަތުރުފަތުރާބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑްރައިވިން ލައިސަންސް ޓްރެކްތައް ޤާއިމުކުރުމުގެ މަޝްރޫޢުއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ޑްރައިވިންގ ލައިސަންސް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގައި ލައިސަންސް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކަކީ ރާއްޖޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ލައިސަންސް ދޫކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. އަދި އައު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ލައިސަންސް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.