ކުޅިވަރު

ކޮމަންވެލްތު ގޭމްސްއަށް ތައްޔާރުވުމަށް ދިވެހި އެތުލީޓުން އިނގިރޭސިވިލާތަށް


2026 ވަނަ އަހަރު ސްކޮޓްލަންޑުގެ ގްލަސްގޯގައި އޮންނަ ކޮމަންވެލްތު ގޭމްސްއަށް ތައްޔާރުވުމަށްޓަކައި ކުޅިވަރުތަކުން ތަމްރީނުހޯދުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިނގިރޭސިވިލާތުގެ ލީޑްސްގެ ޔުނިވަރސިޓީން ދެއްވި ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވުއެއްގަ ވަޒީރު ރާފިޢު ވިދާޅުވީ ދާދިފަހުން އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅަކީ ރާއްޖޭގެ ފުޓްބޯޅައިގެ އިތުރުން އެހެން ކުޅުވަރަތަކަށްވެސް ހުޅުވިގެން ދިޔަ ދޮރެއް ކަމަށެވެ.

މިއާ އެކު ކުޅިވަރު ސޯސިއޭޝަންތަކާއިއެކު މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވަޒީރު ރާފިއު ވިދާޅުވިއެވެ.

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ލީޑްސްގެ މޭޔަރ އަދި ވެސްޓް ޔޯކްޝެއަރގެ މޭޔަރާވެސް ބައްދަލުކުރެއްވި ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންނިވި ގޮތަށް ކުރިއަށްދިޔަ މި ބައްދަލުމުގައި މަޝްވަރާކުރެވިގެން ދިޔައީ އިނގިރޭސިވިލާތުން ކުރިހޯދަމުންދާ ކުޅިވަރުތަކުން އެފަރާތްތަކުގެ އެހީތެރިކަމާއެކު ދިވެހި އެތުލީޓުންނަށް ކުރިއެރުން ހޯދައިދެއްވުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅުގައި ދެ މޭޔަރުންވެސް ރާއްޖެއަށް އެ ފުރުސަތު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ލީޑްސް ޔުނިވާ ސިޓީގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުނު ކަމަށާއި އެ ބައްދަލުވުމުގައި ތަފްސީލުކޮށް ވާހަކަދެކެވުނު ކަންތައްތަކުގެ ތެރޭގައި އެކި ރޮނގުރޮނގުން ފަންނީ އެހީތެރިކަން ފޯރުކޮއްދިނުމާ ގުޅޭގޮތުން ނަޝްވަރާކުރެވުނުކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެތެރެއިން ވެސް ހާއްސަ ކަމެއްގެ ގޮތުގައި ސްޕޯޓްސް މެޑިސިން ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

" އޭގެތެރޭގައި ސްޕޯޓްސް ފިޒިއޯތެރަޕީ، އަދި ސްޕޯޓްސް ސައިކޮލަޖީ އަދި ސްޕޯޓްސް ނިއުޓްރިޝަން ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ޑީޓެއިލްސްކޮށް ޑިސްކަސް ކުރެވުނު." ވަޒީރު ވިދާޅުވިއެވެ.

މި ދާއިރާތަކުން ކުދިން ތަމްރީނުވާން ލީޑްސް ޔުނިވަރސިޓީ މެދުވެރިކޮށް ކިހާ ފުރުސަތެއް އޮތްތޯ ބެއްލެވި ކަމަށާއި އަދި ކޮންޑިޝަނިން ކޯޗުން ތަމްރީން ކުރެވޭނެ މަގެއް ފެނޭތޯ ބެއްލެވިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"
އޭގެތެރޭގައި ސްޕޯޓްސް ފިޒިއޯތެރަޕީ، އަދި ސްޕޯޓްސް ސައިކޮލަޖީ އަދި ސްޕޯޓްސް ނިއުޓްރިޝަން ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ޑީޓެއިލްސްކޮށް ޑިސްކަސް ކުރެވުނު.
ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު

ކުރެވުނު މަޝްވާރާތަކުގެ އަލީގައި މިދާއިރާތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮއްދިނުމުގެ ވިސްނުން ލީޑްސް ޔުނަވަރސިޓީ ގެންގުޅުއްވާ ކަމަށް ވަޒީރު ވިދާޅުވުއެވެ.

ލީޑްސް ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ ތެރެއިން މިކަންކަން ކުރެވެން ހުރުން އެއީ މިކަމުގައި އެ ޔުނިވަރސިޓީއާއެކު ކުރިއަށް ދިޔުމަށް ލިބުނު އިތުބާރެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ތަމްރީނުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވަޒީރު ރާފިއު ވިދާޅުވިއެވެ.

"މިސާލަކަށް ސްވިމިންގް، އެތްލެޓިކްސް ކަހަލަ ކުޅިވަރު ތަކަކީ ލީޑްސްގަ ވަރަށް މަޝްހޫރު ކުޅިވަރުތައް، އަދި ޔޯކްޝެއަރ ސަރަހައްދުގެ އެތުލީޓުން މިދިޔަ އޮލިންޕިކްސްގައި ވެސް ބައެއް ކުޅިވަރުތަކުން މެޑަލް ހޯދައިފަ އެބަހުރި، އެހެންވީމަ އެބޭފުޅުންގެ އެ ސްޓްރެންތް އަޅުގަނޑުމެންނަށް ބޭނުން ކުރެވިއްޖިއްޔާ ވަރަށް ޕޮޒެޓިވްކަމެއް ގޮތުގައި ދެކެނީ." ވަޒީރު ރާފިއު ވިދާޅުވިއެވެ.

ރަނގަޅު ގޮތެއްގައި ކަމެއް ފެށުމަކީ ވަރަށް ގިނަ ގޮތްގޮތުން ދޮރުތައް ހުޅުވިގެންދާނެ ކަމެއް ކަމަށް މީގެ ކުރިން ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މިކަން ކުރާކަން ގިނަ ބަޔަކަށް އެނިގެންދިޔުމަކީ ފުޓްބޯޅައަށްވެސް އަދި އެހެން ކުޅިވަރުތަކަށްވެސް އިތުރު ދޮރުތަކެއް ހުޅިވިގެންދާނެ ކަމެއްކަމުގައި ވަޒީރު ރާފިއު ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅުގައި ސަރުކާރުން ވަނީ ދިވެހި ކުޅިވަރުގެ ކުރިމަގަށްޓަކައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.