ޚަބަރު

ޣައްޒާއަށް ދިން 36 ޙަމަލާއެއްގައި މުޅީންވެސް ޝަހީދު ކޮށްލާފައި ވަނީ އަންހެނުންނާއި ކުޑަކުދިން


މާރިޗު މަހުގެ މެދެއްހާ ހިސާބުން ފެށިގެން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން ދީފައިވާ ތަފާތު 36 ޙަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ އެންމެނަކީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ. އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ކޮމިޝަނަރުގެ އޮފީސް (އޯއެޗްސީއެޗްއާރު)ން ބުނީ، އޭގެ ތެރޭގައި ހިމެނެނީ މާރިޗު 18އާއި އޭޕްރިލް 9އާ ދެމެދު ދީފައިވާ ތަފާތު 36 ޢުދުވާނީ ޙަމަލާއެއް ކަމުގައެވެ.

އެ އިދާރާއިން ބުނީ، ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމާ އެކު ޣައްޒާގެ ހުރިހާ ރައްޔިތުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައެވެ. އެ އިދާރާގެ ތަރުޖަމާނު ރަވީނާ ޝަމްސަދާނީ ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ޔަހޫދީ ފައުޖުގެ ޣައްޒާގެ ޢާންމުން ދިރިއުޅޭ އިމާރާތްތަކާއި ފޭލިގެތަކަށް އަމާޒުކޮށް ތަފާތު 224 ޙަމަލާއެއް ދީފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. "އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއަށް ކަށަވަރު ކުރެވިފައިވާ ޙަމަލާތަކުގެ ތެރެއިން ތަފާތު 36 ޙަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ އެންމެނަކީ ވެސް އަންހެނުންނާއި ކުޑަކުދިން،" އޭނާ ހާމަކުރެއްވިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ އެ ސަހަރުގެ ފުރަބަންދު ވެސް ހަރުކަށި ކޮށްފައެވެ. އަދި، މާރިޗު 2ވަނަ ދުވަހަށް ފަހު، އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ. މީގެ އިތުރުން ބޭސްފަރުވާރަށް ބޭނުންވާ ސާމާނާއި އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ. މިއީ، ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ހަނގުރާމައިގެ ކުށެކެވެ. އަދި، އިންސާނިއްޔަތާ ޚިލާފު ޖަރީމާއެކެވެ.

"ޣައްޒާއަށް އެއްވެސް ވަރަކަށް އެހީ އެތެރެ ނުކުރެވޭތާ މިހާރު މަހެއްހާ ދުވަސް ފާއިތުވީ. ކާބޯތަކެއްޗެއް ނެތް. ތެލެއް ނެތް. ބޭހެއް ނެތް. އިންސާނީ އެހީގެ އެއްވެސް އެއްޗެއް ނެތް،" އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވިއެވެ. "[ކުރިން އެތެރެ ކޮށްފައި ހުރި] ހުރިހާ އެހީއެއް ހުސްވެއްޖެ، ބިރުވެރިކަމުގެ ދޮރާށިތައް ހުޅުވިއްޖެ. ޣައްޒާއަކީ ގަތުލުގެ މައިދާނެއް—މަރު ނޫން އިތުރު ކަމެއް ޣައްޒާގެ ރައްޔިތުންނަކަށް ކުރިމައްޗެއް ނުވޭ."

400،000އަށްވުރެ ގިނަ މީހުން ވަޒަނުން ބޭރުކޮށްފި

އޭޕްރިލް 11ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 15 މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި އެއް ޢާއިލާއެއްގެ 10 މެންބަރުން ހިމެނެއެވެ. މީގެ ކުރިން ފެނިފައި ނުވާ ދަށު ދަރަޖައަކަށް ޣައްޒާގެ ހާލަތު ވެއްޓިފައިވާ ކަމުގައި ޝަމްސަދާނީ ވިދާޅުވިއެވެ.

އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އދގެ އިދާރާ (އޯސީއެޗްއޭ)ން ވެސް ވަނީ ޣައްޒާގެ މުސްލިމުންނަށް ޔަހޫދީ ކުރިމަތި ކުރުވާފައިވާ ނިކަމެތި ހާލަތު ކުށްވެރި ކޮށްފައެވެ. އެ އިދާރާއިން ބުނީ، މާރިޗު 18އަށް ފަހު ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނާ ގުޅިގެން 400,000އަށްވުރެ ގިނަ މީހުންނަށް އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަ ކުރުމަށް މަޖުބޫރުވެފައިވާ ކަމުގައެވެ.

އެ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ އޮލްގާ ޗެރެވްކޯ ވިދާޅުވީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ ފެނުގެ ނިޒާމު ފުނޑުފުނޑު ކޮށްލާފައިވާ ކަމުގައެވެ. އަދި، އެއާ އެކު ޣައްޒާގެ ނިކަމެތީންނަށް ގައިންތާހިރު ވާނެ ގޮތްތައް ހުސްވެފައިވާ ކަމުގައެވެ. ޙަމަލާތަކުގައި ގެއްލުންދީފައިވާ ފެނުގެ ނިޒާމު އަލުން މަރާމާތު ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަން ވެސް ޗެރެވްކޯ ހާމަކުރެއްވިއެވެ.

ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް އޯސީއެޗްއޭން މިހާރު ދަނީ ލޮރީ ފަދަ އުޅަނދުފަހަރު ބޭނުން ކޮށްގެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ސާފު ފެން ލިބޭނެ ގޮތެއް ނެތި، ގައިންތާހިރު ވާނެ ގޮތް ހުސްވުމާ އެކު ނުރައްކާތެރި ހަމުގެ ބަލިތައް އިތުރުވާން ފަށާފައިވާ ކަމަށާއި، އެތަކެއް ސިއްޙީ މައްސަލައެއް ކުރިމަތިވަމުންދާ ކަމުގައި ޗެރެވްކޯ ވިދާޅުވިއެވެ. "ފާއިތުވި 40 ދުވަހުގެ ތެރޭގައި ޣައްޒާއަށް އެއްވެސް ވަރަކަށް އެހީއެއް ނުވަދޭ. އޭގެ މާނައަކީ، [އޯސީއެޗްއޭގެ] ހުރިހާ އެއްޗެއް ދަނީ ހުސްވަމުންނޭ،" އޭނާ ވިދާޅުވިއެވެ.