ޚަބަރު

މަޝްރޫޢުތައް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ފުރުޞަތުދިނުމަށް އެދެން: ވަޒީރު ޑރ. މުއްޠަލިބު


  • މަޝްރޫޢުތައް ހިންގުމަށް ދިމާވާ ދަތިތައް ތަފްސީލްކޮށްދެއްވި

  • މަޝްރޫޢުގެ ސްކޯޕަށް ގެންނަ ކޮންމެ ބަދަލަކާއެކު ލަސްތަކެއް އާދޭ

ތަރައްޤީއަށް ހިންގޭ މަޝްރޫޢުތައް، އެއްބަސްވުމުގައިވާގޮތަށް ކުރިއަށްގެންގޮސް ނިންމާލުމަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް އެދިވަޑައިގެންފިއެވެ. ވަޒީރު މިފަދައިން އެދިވަޑައިގަތީ ގދ. ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ރާއްޖޭގެ އާމްދަނީއަކީ އަހަރަކު 35 ބިލިޔަނާއި 40 ބިލިޔަން ރުފިޔާއާއި ދެމެދުގެ ޢަދަދެއްކަމަށެވެ. އެގޭތެރެއިން މުސާރަޔާއި އޮފީސްތައް ހިނގުމާއި ސަބްސިޓީ ދިނުމާއި ތައުލީމާއި ސިއްހީ ޚިދުމަތް ދިނުމަށް އެކަނިވެސް 40 ބިލިޔަނެއްހާ ރުފިޔާ ޚަރަދުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ލިބޭ އާމްދަނީއަށް ވުރެއް އިތުރަށް ރިކަރަންޓު ޚަރަދު ބޮޑޫކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ހިނގުމަށް ސަރުކާރުން އަބަދުވެސް ލޯނު ހޯދަންޖެހޭކަމަށެވެ. ވަޒީރު ވިދާޅުވީ އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން އެކަނިވެސް 40 ބިލަޔަން ރުފިޔާގެ މަޝްރޫއުގައި މިހާރުވެސް ސޮއިކޮށްފައިވާކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރަށްރަށުގައި އެތައް ބިލިޔަން ރުފިޔާއެއްގެ މަޝްރޫއު ހިންގުންވެފައި އޮންނަނީ ރާއްޖޭ ފަދަ ގައުމަކަށް ބޮޑު ޗެލެންޖަކަށެވެ. ސަބަބަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ހިޔާލު ތަފާތުކުރުންތަކުގެ އަސަރު ރާއްޖެއަށް ކުރާތީކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެ އަންނަ ބަދަލާއެކު ލޯނު ނެގުމަށް ދަތިތަކާއި ކުރިމަތިލާންޖެހޭ. އެކަންކަން ރައްޔިތުން ގަބޫލުކުރުމަކީ އަޅުގަނޑުމެން ވަރަށް އެދޭކަމެއް. ހަގީގަތުގައި އަޅުގަނޑުމެން މަޝްރޫޢެއް ހިނގަން ބޭނުންވާއިރު ގޮސް ލޯނު ނަގައިގެން އައިސް ކުރެވޭ ގޮތަކަށް ނޫން މި އޮންނަނީ. ސަރުކާރުން މިފަދަ މަޝްރޫޢުތައް ހިނގަން ޖެހެނީ ދުރާލާ ވިސްނާގެން ޕްލޭންކޮށް ވަރަށް ގިނަބަޔަކާއި މަޝްވަރާކޮށްގެން" ވަޒީރު ވިދާޅުވިއެވެ.

އިމާރާތްކުރުމާބެހޭ ވަޒީރު ވިދާޅުވީ މަސައްކަތެއްގެ އަމަލީ މަސައްކަތްފެށުމާއި ހަމައަށް އާދެވެނީ ސަރުކާރުގެ ތެރެއިން ވަރަށް ގިނަ މަަސައްކަތްތަކެއް ކުރެވިގެންކަމަށެވެ. އެހެންކަމުން ސަރުކާރުން ކުރާ މިފަދަ ކަންކަމުގައި ރައްޔިތުން ވީހާވެސް ބޮޑަށް އެއްބާރުލުންދީ، ސަރުކާރަށްވެސް ދިމާވާ ގޮންޖެހުންތައް ގަބޫލުކޮށް ސަރުކާރަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވިއެވެ.

އަދި މަޝްރޫޢުތައް ހިނގުމަށް ފުރަތަމަ އެއްބަސްވެފައިވާ ގޮތައް ގެންގޮސް ނިންމާލުމަށް ފުރުސަތު ދިނުމަށްވެސް ވަޒީރު އެދިވަޑައިގެންނެވިއެވެ. މަޝްރޫޢުއަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ނޫން ބަދަލެއް ގެނައުމަކީ ސަރުކާރަށް ދިމާވާ ބޮޑު ގޮންޖެހުމެއްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.