ޚަބަރު

ތުރުކީވިލާތާއި ހަންގޭރީއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި


  • ތުރުކީވިލާތުގެ ދެ ވަޒީރަކާއި ޚާރިޖީ ވަޒީރު ބައްދަލުކުރެއްވި

  • ޚާރިޖީ ވަޒީރު ވަނީ ޑިޕްލޮމެސީ ފޯރަމުގެ ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެވަޑައިގަންފައި

ތުރުކީވިލާތުގެ އިތުރުން ހަންގޭރިއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާ ބައްދަލުވުންތަކެއްގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގަންނަވައިފިއެވެ. މި ބައްދަލުވުންތައް ބާއްވާފައިވަނީ އެ ޤައުމުގެ އަންތާލިޔާގައި ކުރިއަށްދާ ޑިޕްލޮމެސީ ފޯރަމުގެ ހަވާސާގެ ތެރެއިންނެވެ.

ތުރުކީވިލާތުގައި ކުރިއަށްދާ ޑިޕްލޮމަސީ ފޯރަމަކީ މިމަހުގެ 11 އިން 13 އަށް ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމުގެ ހަވާސާގެ ތެރެއިން ޚާރިޖީ ވަޒީރު ދަނީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވަޑައިގަންނަވުންނެވެ.

ވަޒީރު ޑރ. ޚަލީލް ފުރަތަމަ ބައްދަލުކުރެއްވީ، ތުރުކީވިލާތުގެ ވިޔަފާރިއާއި ބެހޭ ވަޒީރު ޕްރޮފެސަރ ޑރ. އޮމާރް ބޮލާޓްއާއިއެވެ. މި ބައްދަލުވުމުގައި، ދެ ޤައުމުގެ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރު ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ.

ޚާރިޖީ ވަޒީރު ދެވަނައަށް ބައްދަލުކުރެއްވީ އެ ޤައުމުގެ ސަޤާފަތާއި ފަތުރުވެރިކަމާއި ބެހޭ ވަޒީރު މެހެމަތު ނޫރީ އެރްސޯއީއާއެވެ. މި ބައްދަލުވުމުގައިވެސް ގުޅިގެން މަސައްކަތް ކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތަށް ފަހިކުރުމަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ޚާރިޖީ ވަޒީރު ވަނީ ހަންގޭރީގެ ޚާރިޖީ އަދި ވިޔަފާރިއާއި ބެހޭ ވަޒީރް ޕީޓަރ ސިއާރޓޯ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ހަންގޭރީއާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް ކުރިއަށް އޮތް ދުވަސްތަކުގައި މި ގުޅުން ދަމަހައްޓައި، ވަރުގަދަ ކުރާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުން ވަނީ އަރުވާފައެވެ.

ޚާރިޖީ ވަޒީރު ތުރުކީވިލާތައް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަން އާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވިއެވެ.