ތޮއްޑޫ ސޯސަން ކުލަބުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ "ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2025" ގައި ލިބުނު ފީޑްބެކްތަކަށްފަހު އަންނަ އަހަރު މި މުބާރާތް ހުރިހާ ގޮތަކުންވެސް ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ސޯސަން ކުލަބުން ބުނެފިއެވެ.
ފިތުރު ޢީދަށް ހާއްސަކޮށްގެން 30 މާޗް އިން 05 އޭޕްރީލްގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި މުބާރާތަށްފަހު ތޮއްޑޫ ސޯސަން ކުލަބުގެ ނައިބު ރައީސް އަހުމަދު ރަޝީދު ބުނީ ކޮންމެ މުބާރާތެއް ނިމޭ އިރުވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.
"ހުންނާނެ ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް. މި ފަހަރުވެސް އަޅުގަނޑުމެންނަށް ލިބުނު ފީޑްބެކްތަކަށް ބަލާފަ އިރާދުކުރެއްވިއްޔާ އަންނަ އަހަރުގެ މުބާރާތް މިއަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު ކުރުމަށް މަސައްކަތް ކުރާނަން" އަހުމަދު ރަޝީދު ބުންޏެވެ.
މިއަހަރު ނިމިގެން ދިޔަ ސޯސަން ފުޓްސަލް ކަޕަކީ ބައިލައްކަ ރުފިޔާގެ އަގުހުރި މުބާރާތެކެވެ. ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި ބައިލައްކަ ރުފިޔާ ހުށަހެޅިއިރު އަންނަ އަހަރުގެ މުބާރާތުގެ ފައިސާގެ އިނާމުވެސް މިއަށްވުރެ ބޮޑުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ސޯސަން ކުލަބުން ބުނެއެވެ.
އަހުމަދު ރަޝީދު ބުނީ މެޗުތަކުގެ އިންތިޒާމްތަކާއި ރެފްރީންގެ އިންތިޒާމުތަކާއި، ޓީމުތަކަށް ދޭން ޖެހޭ އެއްބާރުލުމާއި މިހެން ހުރި ކަންކަން، މިއަހަރުގެ މުބާރާތުގައި ވާދަކުރި ޓީމުތަކުގެ މެނޭޖަރުންނާއި ވާހަކަ ދައްކައިގެން އަންނަ އަހަރުގެ މުބާރާތަށް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ ރިލެކްސް ކަމަނަ އާއި ކޯ ސްޕޮންސަރ ތޮއްޑޫ ކައުންސިލާއި އެހެނިހެން ސްޕޮންސަރުންގެ ފަރާތުން ވެދިން އެހީތެރިކަމާއި، އޭގެ އިތުރުންވެސް ދަނޑުގެ ވަށައިގެން ހުރި ބެނާތަކާއި، އެހެނިހެން ކަންކަން ހަމަޖައްސައިދިން ސްޕޮންސަރުންގެ އެހީތެރިކަން ފާހަގަކޮށް އަހުމަދު ރަޝީދު ބުނީ މި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލެވުނީ އެފަރާތްތަކުގެ އެހީއާއެކުގައި ކަމަށެވެ.
މިއީ ސޯސަން ފުޓްސަލްކަޕް ބޭއްވި ހަތަރުވަނަ އަހަރެވެ. ޖުމްލަ 10 ޓީމަކުން މިއަހަރުގެ މުބާރާތުގައި ވާދަކުރި އިރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ، ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިއެވެ.
"ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2025" ގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 1-0 ގެ ނަތީޖާއަކުން ޔަންގް ސްޓަރސް ބަލިކޮށް، ކާންޓް ޕްލޭއެވެ.
މުބާރަތުގެ ފައިނަލުން ކާންޓް ޕްލޭ ޖާގަ ހޯދީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ހެލޯ ބޭބީ 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަދި ޔަންގް ސްޓަރސްއަށް ފައިނަލުގެ ޖާގައެއް ލިބުނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 4-0 ގެ ނަތީޖާއަކުން އެފްސީ އަމިގޯސް ބަލިކުރުމަށްފަހުއެވެ.