ރާއްޖޭގެ ދިފާޢީ ވަޒީރު އާދަމް ޝަރީފް ޢުމަރު، އިންޑިއާ ބޮޑުވަޒީރު ފޮނުއްވި ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމާބެހޭ ޚާއްޞަ މަންދޫބު ސަޢީދު އާސިފް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ބަންޑާރަކޮށީގައި ބޭއްވެވި މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުން ހުއްޓުވުމަށްޓަކައި ކުރެވެމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ޤައުމު ގުޅިގެން މިކަންތައްތަކާ ދެކޮޅަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހާމަކުރައްވައެވެ. އަދި ރާއްޖޭގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ މަސައްކަތްތައް ކުރިއަށްދާގޮތާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަޢީދު އިބްރާހީމް ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޑިފެންސް މިނިސްޓަރ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.