ޚަބަރު

އެމްބީބީއެސް ޕްރޮގްރާމްތައް ރާއްޖެއަށް އިތުރުކޮށްދޭން ނޭޕާލުން ނިންމައިފި


  • ރާއްޖޭގެ ދަރުވަރުންނަށް ނޭޕާލުގައި ކިޔެވުމުގެ އާ ފުރުސަތުތައް ދޭނެކަމަށް ވިދާޅުވި

  • ކުރިއަށް އޮތްތަނުގައި ސޮއިކުރާނެ އިތުރު އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ނޭޕާލުގައި އިންޓަރންޝިޕް ފުރުސަތުތަކާއެކު އެމްބީބީއެސް ޕްރޮގްރާމްތައް ހިމެނޭ ގޮތަށް ތަމްރީނު ޕްރޮގްރާމްތައް ރާއްޖެއަށް އިތުރުކޮށްދޭނެކަމަށް ނޭޕާލުގެ ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނޭޕާލްގެ މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން ޕްރަޑިޕް ޕައުޑެލްއާއި ރާއްޖޭގެ ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ ވަނީ އެމެރިކާގެ ނިއުޔޯކުގައި ބޭއްވި ކޮމިޝަން އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް (ސީޕީޑީ 58) ގެ ހަވާސާގައި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަޝްވަރާކޮށްފައިވަނީ ރާއްޖޭގެ މެޑިކަލް ޕްރޮފެޝަނަލުންނަށް ނޭޕާލުގައި ޕޯސްޓްގްރެޖުއޭޓް ސްޕެޝަލިޓީތަކާއި ސަބް ސްޕެޝަލިޓީއަށް ކިޔެވުމުގެ އާ ފުރުސަތުތައް ހޯދުމުގެ އިތުރުން ނޭޕާލާއެކު ހަދާފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ފައިނަލް ކުރުމާއި ގުޅޭގޮތުންނެވެ. އަދި ކުރިއަށް އޮތްތަނުގައި ސޮއިކުރާނެ އިތުރު އެއްބަސްވުންތަކާ ބެހޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ނޭޕާލަކީ ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން މެޑިސިން ކިޔެވުމަށްދާ އެއްޤައުމަށްވާއިރު، ރާއްޖެއާއި ނޭޕާލާއި ދެމެދުގައި ތައުލީމީ ފުރުޞަތުތައް ބަދަލުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ނޭޕާލްގެ މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން ވަނީ ރާއްޖޭގެ ޑޮކްޓަރުންނަށް ނޭޕާލުގައި ކިޔެވުމާއި އިތުރު ހުނަރުތައް ހޯދުމުގެ ފުރުޞަތުތައް ކުރިއަށް އޮތްތަނުގައި ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެމްބީބީއެސް ޕްރޮގްރާމްތަކާއި އިތުރު ތަމްރީން ޕްރޮގްރާމްތައް ރާއްޖެއަށް އިތުރުކޮށްދޭނެކަމަށް ނޭޕާލުގެ ހެލްތު މިނިސްޓަރ ވިދާޅުވެފައިވާއިރު، އެއީ ކިހާ އަދަދެއްކަމެއް ވިދާޅެއް ނުވެއެވެ.

ރާއްޖެއިން މީގެ ކުރިން ސޮއިކޮށްފައިވާ އެމްއޯޔޫތަކުގެ ދަށުން ޕޯސްޓްގްރެޖުއޭޓް ކިޔެވުމަށް ނޭޕާލަށް ދަރިވަރުން ފޮނުވާފައިވާއިރު، ރާއްޖޭގެ ބައެއް ދަރިވަރުން ވަނީ ޓްރިބުވާން ޔުނިވާސިޓީ އާއި ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް (އެންއޭއެމްއެސް) އިން ތަޢުލީމް ހާސިލްކޮށްފައެވެ.

މިމަހުގެ 3 އިން 4 އަކަށް ފިލިޕިންސްގައި ކުރިއަށްދިޔަ ވޯލްޑް ޕޭޝަންޓް ސޭފްޓީ ސަމިޓުގެ ތެރެއިން ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ފިލިޕިންސްގެ ޞިއްޙަތާ ބެހޭ ވަޒީރާއެކު ކުރެވުނު މަޝްވަރާތަކުގައިވެސް ވަނީ ދިވެހި ޑޮކްޓަރުންނަށް ބޭނުންވާ އިންޓަރންޝިޕްގެ ފުރުސަތު ހޯދުމަށް ރާއްޖޭގައި ގިނަ ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި އެކަމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާ، އެޤައުމުގެ ހެލްތް މިނިސްޓަރ ވަނީ ރާއްޖޭގެ ޑޮކްޓަރުން އިތުރަށް ސްޕެޝަލައިޒްވުމަށް ބޭނުންވާ ފުރުސަތުވެސް ފަހިކޮށްދެއްވެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.