މާދަމާ ފަށާ ވީއޭއެމް ކަޕް 2025 އަށް ތައްޔާރުވުމަށް އަސްދިގަ ސްޕޯޓްސް ކުލަބަށް އެކަށީގެންވާ ވަގުތު ނުލިބުނު ނަމަވެސް، އުއްމީދަކީ ޓީމު ދެވަނަ ބުރަށް ގެންދިއުން ކަމަށް އެ ކުލަބުގެ ކޯޗު އަބުދުލް ހަސީބު އިބްރާހީމް ބުނެފިއެވެ.
ފަރިތަކުރުންތަށް ކުރިޔަށްދާ ގޮތް "ޕީއެސްއެމް ނިއުސް" އާ ހިއްސާ ކުރަމުން ހަސީބު ބުނީ އަސްދިގައަށް މިއަހަރުގެ އެސޯސިއޭޝަން ކަޕުން ފުރުސަތު ލިބުނީ ކޮލިފައިވި އެހެން ކުލަބަކަށް ބައިވެރިނުވެވުމުގެ ސަބަބުންކަމަށާއި ލަހުން ޖާގަ ލިބުމުން އެކަށީގެންވާ ވަރަށް ތައްޔާރުވާން ފުރުސަތެއް ނުލިބުނު ކަމަށެވެ.
ޓީމު އެކުލަވާލުމުގެ ކަންކަން ރޯދަމަހާއި ދިމާވުމުން އެކަށީގެންވާ ވަގުތު ނުލިބުންކަމަށާއި މުބާރާތަށް އެންމެ ބޭނުންވާ މިންވަރަށް ތައްޔާރު ނުވެވުނު ކަމަށްވެސް ކޯޗު ބުންޏެވެ. ހަސީބު ބުނީ މިހާރު ތިބި ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކަމަށާއި، ދެވަނަ ބުރަށް މި ޓީމަށް ދެވިދާނެ ކަމަށެވެ.
"އުންމީދަކީ ދެވަނަ ބުރަށް ލައިދިނުން، އެކަމަކު މީގައި ބަލަން އެބަޖެހޭ އަހަރެމެން މި ނިކުންނަނީ ފޮރިން ޕްލޭޔަރަކާއި ނުލާ މި ނިކުންނަނީ ހުސް ދިވެހި ޕްލޭޔަރުން. އެހެން ކޮންމެ ޓީމެއްގައި ގާތްގަނޑަކަށް ދެ ޕްލޭޔަރުން އެބައުޅޭ ފޮރިން. އެހެންވީމަ ކޮންމެސް ވަރެއްގެ ކަމެއް އުޅޭނެ. އެކަމަކުވެސް އުންމީދު ކުރަނީ ދެވަނަ ބުރަށް ދިއުން" ކަމަށް ހަސީބު ބުންޏެވެ.
ބައެއް ކުޅުންތެރިން އަދި ޓީމާ ގުޅޭނެ ކަމަށާއި، ފަރިތަކުރުންތަކުގައި ހުރިހާ ކުޅުންތެރިން އަދި ބައިވެރިނުވާ ކަމަށް ކޯޗު ފާހަގަކުރިއެވެ. އެހެންނަމަވެސް މުބާރާތަށް ޓީމު ހަމަކޮށް ރަނގަޅު ނަތީޖާއެއް ނެރެދެވޭނެ ކަމަށް ކުޅުންތެރިންނާ ކޯޗުވެސް އުންމީދު ކުރެއެވެ.