ކުޅިވަރު

އަލަށް ގާއިމުކުރާ ސްވިމިން ޕޫލްގެ މަސައްކަތް ވަޒީރު ބައްލަވާލައިފި


ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަލަށް ގާއިމުކުރާ ބައިބަލްއަގުވާމީ ސްވިމިން ޕޫލްގެ މަސައްކަތް ކުރައަށްދާ ގޮތް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްލަވާލައިފިއެވެ.

ވަޒީރު ރާފިއު އަލަށް ގާއިމުކުރާ ސްވިމިން ޕޫލް ހިމެނޭ ސަރަހައްދަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސްވިމިންގ އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީއެވެ. މިއީ އަމިއްލަފަރާތަކާއި އެކު ސްވިމިން އެސޯސިއޭޝަނުން އިސްނަގައިގެން ގާއިމު ކުރުމަށް ހަމަޖެހިފައިވާ އޮލިންޕިކް ސައިޒް ސްވިމިންގް ޕޫލެކެވެ.

ވަޒީރު ވަނީ މި ޕޫލުގެ އެންމެ ފަހުގެ މަސައްކަތް ދާގޮތް އޮޅުންފިލުވައި މިހާރު ކުރަން ހުރި ބައެއް މަސައްކަތް އޮޅުންފިލުވާފައެވެ. އަލަށް ގާއިމުކުރާ 50 މީޓަރު ސްވިމިންގް ޕޫލުގެ މިހާރު ކުރިއަށް ދަނީ ފައުންޑޭޝަން އަޅައި ބޭސް ގާއިމު ކުރުމުގެ މަސައްކަތެވެ.

ހަތަރު ބުރިއަށް ހަދާ މި ސްވިމިންގް ކޮމްޕްލެކްސް ތައްޔާރުކުރެވިގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ސްވިމިންގެ ތަމްރީންތަށް ކުރިއަށްގެންދެވޭ ގޮތަށެވެ. ވަރުގަދަ ފައުންޑޭޝަނެއް އަޅާ އޭގެމަތީ ބޭސް ގާއިމުކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށް ސްވިމިންގް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އަލަށް ގާއިމުކުރާ ސްވިމިންގް ޕޫލުގައި ބޭނުންވާ ވަސީލަތްތަކާއި އެހިނެހެން ތަކެތި ގެނެސްފަވަނީ އަމިއްލަ ގޮތަކަށް ރާއްޖެއިން ބޭރުން ތައްޔާރުކޮއްގެންނެވެ. ޕޫލު އެތުރުމުގެ ކުރިން ކޮންކްރީޓް ބޭސް ތައްޔާރު ކުރުމަށް ހަމެޖިހަފަވާ ކަމަށްވެސް ސްވިމިންގް އެސޯސިއޭޝަނުން ހާމަކުރިއެވެ.

ހުސްވި އޭޕްރީލް މަހުގައި މަސައްކަތް ފެށި އާ ސްވިމިންގްޕޫލުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފަވަނީ މިއަހަރުގެ ނޮވެންބަރު މަހުއެވެ. މި ޕޫލް ގާއިމުކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިފަވާ ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އާ ޕޫލް އަޅަނީ މިހާރު ހުޅުމާލޭގައި އޮތް ސްވިމިންގ ޕޫލް އާއި ޖެހިގެން އޮތް ބިމުގައެވެ.