ޚަބަރު

މަސްދުވަހުގެ ޗުއްޓީއަކަށްފަހު 90،000 ދަރިވަރުންނާއެކު ދިރާސީ އަހަރުގެ ކިޔެވުން ފަށައިފި


  • ސަރުކާރުގެ ސްކޫލްތަކުގައި 84،000 ދަރިވަރުން

  • މާލެ ސަރަޙައްދުގައި ހުރި 19 ސްކޫލްއެއްގައި އާބާދީގެ %33 ދަރިވަރުން

  • 21% މުވައްޒަފުން މާލޭގެ ހުރި ސްކޫލްތަކުގައި

މަސްދުވަހުގެ ޗުއްޓީއަކަށްފަހު މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ނުވަދިހަ ހާހެއްހާ ދަރިވަރުންނާއެކު ފަށައިފިއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު ސްކޫލްތަކުން ދަރިވަރުންނަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ނުވަދިހާ ހާހެއްހާ ދަރިވަރުންނާއެކު ފަށާފައިވާއިރު، އޭގެތެރޭގައި ސަރުކާރުގެ 217 ސްކޫލްއެއްގައި 84000އެއްހާ ދަރުވަރުން ކިޔަވަމުންދާނެއެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވާދަރިވަރުންގެ އަދަދު ނިސްބަތުން އިތުރެއެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހުރި 19 ސްކޫލްއެއްގައި އާބާދީގެ %33 ދަރިވަރުން މި ދިރާސީ އަހަރުގައި ކިޔަވަމުންދާނެއެވެ. އަދި %21 މުވައްޒަފުން މާލޭގެ ހުރި ސްކޫލްތަކުގައި މަސައްކަތް ކުރާނެއެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ މި އަހަރު މާލޭ ސަރަޙައްދުގެ ގްރޭޑް 1 އަށް 2000 އަށްވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފައިވާކަމަށެވެ. އަދި މިއަހަރު މުޅި ރާއްޖެއިން 5000އަށވްުރެ ގިނަ ކުދިން ގްރޭޑް 1 އަށް ވަނީ ވައްދާފައެވެ. މި ދިރާސީ އަހަރު އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަޙައްދުގެ ސްކޫލުތަކަށް 1200 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާކަން ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި އަތޮޅުތެރޭގެ އެއް ސުކޫލްއިން އަނެއް ސްކޫލްއަށް 500 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވެއެވެ.

ފެންވަރު ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ މުދައްރިސުންނެވެ. އެހެންކަމުން މިއަހަރު 11000 މުދައްރިސުން ހަރަކާތްތެރިވާއިރު ސަރުކާރުގެ ސްކޫލްތަކުގައި 10000 މުދައްރިސުން މަސައްކަތް ކުރަމުންދާނެއެވެ. މުޅި ތަޢުލީމީ ދާއިރާއަށް ބަލާއިރު އެއީ ކޮންމެ 8 ކުއްޖަކަށް މުދައްރިސެކެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއިރު ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި، މުދައްރިސުން އަދި ސްކޫލަށް ބޭނުންވާ އަސާސީ އެންމެހައި ކަންކަން ހަމަވެފައިވާނެކަން ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ޗުއްޓީއަށްފަހު ބައެއް ބިދޭސީ މުދައްރިސުން ވަޒީފާއިން ވަކިވެފައިވީނަމަވެސް އެ މަޤާމުތަކަށް މުދައްރިސުން ގެނައުމުގެ މަސައްކަތް ކުރާކަން ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެފައިވެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއިރު، ކިޔެވުން ނިންމާ ދަރިވަރުން އަހަރީ ޗުއްޓީއަށް ދާނީ ޑިސެމްބަރު 28ވަނަ ދުވަހުއެވެ. ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް މުޅިންހެން ބަދަލުވާނެއެވެ. އަދި އެގޮތަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ތަޢުލީމީ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.