ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވި މެޗަށްފަހު ވެލެންސިއާގެ ކޯޗު ކާރލޯސް ކޯރބެރަންގެ ތައުރީފު ޓީމުގެ ކުޅުންތެރިންނަށް އޮއްސާލައިފިއެވެ.
ކޯރބެރަން ބުނެފަވަނީ ހޮނިހިރު ދުވަހުގެރޭ ރެއާލް މެޑްރިޑާ ވާދަކޮށް އޭނާގެ ޓީމުން ހޯދި ކާމިޔާބީގެ އަސްލަކީ އޭނާގެ ކުޅުންތެރިންގެ ނަފްސާނީ ވަރުގަދަކަން ކަމަށެވެ. އަދި މިއީ 2008 ވަނަ އަހަރަށްފަހު ވެލެންސިއާއިން ރެއާލް މެޑްރިޑް ބަލިކުރި ފުރަތަމަ ފަހަރުކަމަށްވުމުން މިމެޗަކީ ހުރިހާ ގޮތަކުންވެސް ޚާއްސަ މެޗެއްކަމަށް އޭނާވަނީ ބުނެފައެވެ.
ވެލެންސިއާއިން ހޯދި ކާމިޔާބީއަކީ ހައިރާންކުރުވަނިވި ކާމިޔާބީއެއްކަމަށް މީޑިއާތަކުން ސިފަކޮށްފަވާއިރު، އެޓީމަށް ލިބުނު ކާމިޔާބީގެ މުގުލުގައި ހުރީ ގޯލާ ރައްޓެހި ހޫގޯ ޑުރޯއެވެ. މެޗުގެ އިތުރު ވަގުތުގެ ތެރެއިން އޭނާ ޖެހި ލަނޑުން ވެލެންސިއާވަނީ ހަތް ޕޮއިންޓު ކަށަވަރުކޮށް 17 އަހަރަށްފަހު ރެއާލް މެޑްރިޑުގެ މައްޗަށް ކުރިހޯދާފައެވެ.
ކޯރބެރަން ބުނެފަވަނީ މެޗުގެ 15 ވަނަ މިނިޓުގައި މުކްތާރު ޑިއަހާބީގެ ލަނޑުން ޓީމަށް ހިތްހަމަޖެހުން ގެނެސްދީފައިވަނިކޮށް ދެވަނަ ހާފުގައި ވިނީޝިއަސް ޖޫނިއާގެ ލަނޑުން ދެޓީމު އެއްވަރުވުމާއެކު ކޮންމެވެސްވަރެއްގެ ނުތަނަސްކަމެއް ކުޅުންތެރިންނަށް ލިބުނު ކަމަށެވެ. އެހެންނަމަވެސް މާޔޫސްވުމުގެ ބަދަލުގައި ޓީމުން އިސްކުރީ ހިތްވަރާއެކު ގަދަ އަޅާ މަސައްކަތްކުރުންކަމަށާ، ޓީމުގެ ކާމިޔާބީގެ ސިއްރަކީ ނުގުޑާފަދަ އަޒުމުކަމަށެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ކޯރބެރަން ބުނެފަވަނީ އޭނާގެ ޓީމުން ދައްކުވައިދިނީ އުނދަގޫތަކުން އަރައިގަތުމަށް ހިތްވަރުކުރަންޖެހޭނެކަން ކަމަށާ، އެކުޅުންތެރިންނަކީ ނަފްސާނީގޮތުން ވަރުގަދަ ބައެއްކަން ހޮނިހިރުދުވަހުގެ މެޗުން ދައްކުވައިދިންކަމަށެވެ. އަދި ފުޓުބޯޅައިގައި ޖަޒުބާތާއި ޓެކްޓިކްސް ވަކިނުކުރެވޭކަމަށްވެސް އޭނާ ބުންޏެވެ. މިގޮތުން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން އެކަން ސާބިތުވެގެން ހިނގައްޖެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"ރިއާލް މެޑްރިޑުން ގޯލު ޖެހުމުން، އެކަމާ މާޔޫސްވުމުގެ ބަދަލުގައި ޓީމުން އިސްކުރީ އެކަމާ ކެރިގެން ކުރިމަތިލާން. ނަފްސަށް ހިތްވަރުދީ އަނެއްކާވެސް އައު އަޒުމަކާއެކު އިދިކޮޅު ޓީމާ ކުރިމަތިލެވޭނީ ނަފްސާނީ ގޮތުން ވަރުގަދަވީމަ. މިސާލަކަށް ބަލާނަމަ، ވިނީޝިއަސްގެ ގޯލަށްފަހު އަހަރުމެން މާޔޫސްވެ ހިތްވަރު އެލުވާލި ނަމަ މިއަދު މިލިބުނު ކާމީޔާބީއަށް ވާސިލެއް ނުވެނޭނެކަން މަށަށް ހަމަ ޔަގީން" އަބަދުވެސް އުއްމީދެއް އޮވެގެން ކާމިޔާބީއަށް މަސައްކަތްކުރުން މުހިންމުކަމަށް ބުނަމުން ކޯރބެރަން ބުންޏެވެ.
މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ވެލެންސިއާގެ ކީޕަރު ޖިއޯޖީ މަމަރްދާޝްވިލިގެ ފަރާތުން ވަނީ އާދަޔާ ޚިލާފު މޮޅު ސޭވްތަކެއް މެޗުގައި ފެނިގެން ގޮސްފައެވެ. މީގެ ތެރޭގައި ވިނިޝިއަސް ޖޫނިއަރ ފޮނުވާލި ޕެނަލްޓީ ހުށިޔާރުކަމާއެކު އޭނާ ދިފާއުކުރިކުރުން ފާހަގަކޮށްލެވެއެވެ.
މި މެޗުން ރެއާލް މެޑްރިޑް ބަލިވުމާއިއެކު އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އާއި ދެމެދުވާ ފަރަގު ވަނީ ހަތަރު ޕޮއިންޓަށް އިތުރު ވެފަ އެވެ. ރެއާލް މެޑްރިޑަށް 30 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. ފަނަރަ ވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައިވަނީ 34 ޕޮއިންޓެވެ.