ޚަބަރު

"އޮޅު ހިޔާ"ގައި މިހާރު 30 ބުޅާދަނީ ބަލަހައްޓަމުން


  • "އޮޅު ހިޔާ" ފެސިލިޓީގައި ބުޅާ ބަހައްޓާ ކޮށިތައްވަނީ އިތުރަށް ރަނގަޅުކޮށްފައި

  • މިހާރު އިތުރު ރައްކާތެރިކަމާއެކު ކުދި ބުޅާތައް ބެލެހެއްޓުމުގެ ފުރުޞަތުވަނީ ފަހިވެފައި

"އޮޅު ހިޔާ"ގައި މިހާރު ޖުމްލަ 30 ބުޅާ ބަލަހައްޓަމުން އަންނަކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ "އޮޅު ހިޔާ" ފެސިލިޓީގައި ބުޅާ ބަހައްޓާ ކޮށިތައް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން، އެތަން ފަރުމާކޮށް، އެތަނުގައި ޖަހާފައިވާ ދާގަނޑު ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި މިމަސައްކަތް ފުރިހަމަވުމުން މިހާރު އިތުރު ރައްކާތެރިކަމާއެކު ކުދި ބުޅާތައް ބެލެހެއްޓުމުގެ ފުރުޞަތު ފަހިވެގެންގޮސްފައިވާކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ގާއިމްކުރި އޮޅުހިޔާ ހުޅުއްވައި ދެއްވީ މިދިޔަ ނޮވެންބަރުމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. މިތަން ހުޅުވާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. ޒަމާނީ ފެންވަރަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމުކުރި "އޮޅު ހިޔާ" ތަރައްޤީކުރީ ދިރޭތަކެއްޗާބެހޭ ވުޒާރާއިން، މާލެސިޓީ ކައުންސިލާ ހަވާލުކޮށްގެންނެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާތީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ދަށަށް އޮޅުހިޔާ ބަދަލުކޮށްފައިވަނީ ފެބުރުއަރީ މަހުގެ 26ގައެވެ. އަދި އެފިސިލިޓީއަށް ބުޅާތައް ނަގަން ފެށީ ފެބުރުއަރީ މަހުގެ ފަހުކޮޅުއެވެ. އެގޮތުން މިހާރު މިހާރު ޖުމްލަ 30 ބުޅާ ބަލަހައްޓަމުން ގެންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އޮޅު ހިޔާއަކީ އަހަރުތަކެއް ވަންދެން ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައިވާ ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޤާއިމްކުރި ފެސިލިޓީއެކެވެ. މިއާއެކު ބުޅަލުގެ ސަބަބުން ރަށުތެރެއާ މަގުތައް ހަޑިވެ ނަޖިސްވުން ކުޑަކުރެވި، އޯގާތެރިކަމާއި އަޅާލުމާއެކު ބުޅާތައް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.