ޚަބަރު

ހުމާމަށް ކުރި ހުކުމާ ގުޅިގެން އދ. ރާއްޖެއަށް އަމުރެއް ނުކުރޭ


ޑރ އަފްރާޝީމް އަލީގެ ގާތިލު ހ. ލޮބީ ހުސެއިން ހުމާމް މެރުމަށް ކުރި ހުކުމް ތަންފީޒުނުކުރުމަށް އދ. ރާއްޖެއަށް އަމުރުކުރިކަމަށް ބުނެ ދެކެވޭ ވާހަކަތައް ދިވެހި ޚާރިޖިއްޔާއިން ދޮގުކުރައްވައިފިއެވެ.

މަޤާމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ޚާރިޖީވަޒީރު ޑރ.މުޙައްމަދު އާސިމް ވިދާޅުވީ، ޑރ.އަފްރާޝީމް ޢަލީގެ މަރުގެ ބަދަލުގައި ހ.ލޮބީ ޙުސައިން ހުމާމް މެރުމަށް ކުރި ޙުކުމާއި ގުޅޭ މައްސަލަ އދ.ގެ ހިއުމަން ރައިޓްސް  ކޮމިޝަނަށް ބަޔަކު ހުށައަޅާފައިވާކަމަށެވެ.

ހުމާމް މެރުމަށް ކުރި ޙުކުމް ތަންފީޒުނުކުރުމަށް އދ.ން ރާއްޖެއަށް އަމުރުކުރިކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ޑރ.އާސިމް ވަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ފޮނުއްވެވީ ނޯޓެއްކަމަށް ވިދާޅުވެ އެވާހަކަ ތަކުރާރުކުރައްވާފައެވެ. އަދި އެ މައްސަލައިގައި ވަކިކަމެއް ކުރަންޖެހޭކަން ނުވަތަ ނޫންކަންވެސް ރާއްޖޭގެ ސަރުކާރަށް އދ.އިން އަންގަވާފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި އެ ނޯޓް ދިރާސާކުރެއްވުމަށްފަހު ސަރުކާރުން ނިންމެވުމެއް ނިންމަވާ ޢާންމުކުރައްވާނެކަމަށް ވިދާޅުވިއެވެ. އ.ދ އަކީ އެއްވެސް ކަމެއްގައި ޤައުމުތަކަށް ވަކިކަމެއް ކުރަން އަމުރުކުރާ ބައެއް ނޫންކަމަށާއި ހުމާމް މެރުމަށް ކުރި ހުކުމް ތަންފީޒު ނުކުރުމަށް އދ އަމުރުކުރިކަމަށް ބުނެ ދޮގު ޚަބަރުތަކެއް ފަތުރާފައިވަނީ މީޑިއާ ތަކުންކަމަށްވެސް ޚާރިޖީ ވަޒީރު ތުހުމަތުކުރެއްވިއެވެ.

"އދ.ގެ ހިއުމަންރައިޓްސް ކޮމިޝަނުން ރޭގެ ވަގުތެއްގައިވަނީ ނޯޓެއް ފޮނުވާފައި. އެ ނޯޓަކީ ޙުސައިން ހުމާމްގެ މައްސަލައާއި ގުޅިގެން އދ.ގެ ހިއުމަންރައިޓްސްއަށް ބަޔަކު މަޢުލޫމާތު ހުށައަޅައިގެން ދިވެހި ސަރުކާރަށް އަންގަވާ ފޮނުއްވި ނޯޓެއް.  އެއީ ސަރުކާރަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގި އަމުރެއްނޫން. މި ނޯޓްގައިވާ ކަންކަން މިހާރު މިދަނީ ދިރަސާކުރަމުން.  އޭޖީ އޮފީހުން އަންނަ ހަފްތާގެ ހިސާބުގައި މީޑިއާއަށް އާންމުކުރާނެ." ޚާރިޖީ ވަޒީރު ޑރ.އާސިމް ވިދާޅުވިއެވެ.

މިނިސްޓަރވަނީ ޚާރިޖީވަޒީރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ އިސްކަން ދެއްވާނެ ކަންކަންވެސް ރާއްޖޭގެ މީޑިއާއި ޙިއްސާކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެކުލަވާލައްވާފައިވާ ޚަރިޖީ ސިޔާސަތު އެމަނިކުފާނު ކަނޑައަޅުއްވާފައިވާގޮތުގެ މަތިން ތަންފީޒްކުރައްވާނެކަމުގެ ޔަޤީންކަންދެއްވިއެވެ. އަދި ޚާރިޖީ ސިޔާސަތު ކަނޑައެޅުއްވުމަށް ބޭނުންވާ މަޢުލޫމާތުތަކާއި ސިޔާސަތު ކަނޑައެޅުއްވުމާއި، ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންފުޅުވާ ލަފަޔާއި އިރުޝަދު އަރުއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޚާރިޖީ ސިޔާސަތު އިޢުލާންކުރައްވާފައި ވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދެއްވާނެ އެއްކަމަކީ ދޭދޭ ޤައުމުތަކާއި ސަރަޙައްދީ ޤައުމުތަކާއި ދެމެދު ގުޅުން އިތުރަށް ބަދަހިކުރައްވާ، އެގުޅުން ދެމެހެއްޓެވުންކަން ފާހަގަކުރައްވަމުން އައު ޚާރިޖީވަޒީރު ވިދާޅުވީ، މިކަމުގެ އެންމެ ބޮޑު ބޭނުމަކީ ހުރިހާ ގޮތަކުންވެސް ކަންކަން ދިވެހި ރައްޔިތުންނަށް ފަހިކޮށްދެއްވުންކަމަށެވެ. އެގޮތުން ދަތުރުފަތުރާއި ވިސާއާއި، އިންވެސްޓްމަންޓްތަކަށް މަގުފަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

"ޚަރިޖީ ސިޔާސަތުގެ އަމާޒްތަކާއި ސްޓްރެޓެޖީތައް ރައީސް ހަމަޖައްސަވާގޮތުގެ މަތީން ތަންފީޒްކުރުމުގައި ޚަރިޖީވުޒާރާ ސާބިތުކަމާއިއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަންދެން. އަދި ސަރަހައްދީ ޤައުމުތަކާއި ދޭދޭ ޤައުމުތަކާ ދެމެދު ގުޅުން އިތުރުކުރުކޮށް ބަދަހިކުރޮށް ގުޅުން ޤާއިމްކުރާނަން. މިކަމުގެ ބޭނުމަކީ ހުރިހާގޮތަކުންވެސް ކަނަކން މަގުފަހިކުރުން. އޭގެތެރޭގައި ދަތުރުފަތުރާއި، ވިސާހަމަޖެއްސުމާއި، ވިޔަފާރިވެރިންނާއި އެހެންވެސް އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުން" ޚާރިޖީވަޒީރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީވަޒީރު ޑރ.މުޙައްމަދު އާސިމް ވަނީ ރާއްޖެއަށް ބޭރުގެ ޕްރެޝަރެއް ނެތްކަން ހާމަކުރައްވާފައެވެ. އަދި ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޚަރިޖީވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. ޑރ. އާސިމަކީ ޚާރިޖީ ދާއިރާގައި ވަރަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ، ޚާރިޖީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.