ޓްރެކަރ ނުވަތަ، އެމީހަކު ހުރި ތަން ވަގުތުން ބަލާލެވޭ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ފެށުން ވެފައި މިވަނީ ޙައްޖާއި ޢުމްރާގެ ޚިދުމަތުގައި ޙައްޖު ކޯޕަރޭޝަނުން އެޅި ވަރަށް މުހިންމު ފިޔަވަޅަކަށެވެ.
ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖާއި ޢުމުރާއަށް ދާ މީހުންނަށް ފުރިހަމަ ރައްކާތެރިކަން ހޯދައިދީ އެމީހުންގެ އަޅުކަން ކަށަވަރުކޮށްދިނުމަކީ ކޯޕަރޭޝަންގެ އެންމެ ބޮޑު ޒިންމާއެވެ.
މީހުން ތިބި ތަން ދެނެގަނެވޭ ޒަމާނީ "ޓްރެކަރ" ޙައްޖު ކޯޕަރޭޝަނުން ބޭނުންކުރަން ފެށީ ނިމުނު ޙައްޖު މޫސުމުގައެވެ. 1150 މީހުން އެފަހަރު ޙައްޖުގައި ބައިވެރިވިއެވެ. އަދި އޭގެ ފަހުން ކޮންމެ ޢުމްރާ ދަތުރެއްގައިވެސް ޓްރެކަރ އަންނަނީ ބޭނުންކުރަމުންނެވެ.
ޓްރެކަރ ހަރުކޮށްފައި ހުންނަނީ ކޮންމެ ހައްޖާޖީއެއްގެ ކަރުގައި އަޅާ ކާކުކަން އަންގައިދޭ ކާޑާއެކީގައެވެ. މިއީ އަބަދުވެސް އަޅައިގެން ހުންނަންޖެހޭ ކާޑެކެވެ.
ޓްރެކަރ ބޭނުންކުރަން ފެށުމާއެކު ލިބުނު ލުއިފަސޭހައާއި ގުޅޭގޮތުން ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވީ، މިއީ މަގު އޮޅުން ނުވަތަ ގެއްލޭ މީހުން ހޯދުމުގައި ކޯޕަރޭޝަނުން އެޅި ވަރަށް މުހިންމު އަދި ބޭނުންތެރި ފިޔަވަޅެއްކަމަށެވެ. އަލީ ޝަރީފް ވިދާޅުވީ މިދިޔަ ޙައްޖުގައި އަރަފާތު ބިމަށް ދިޔަ މަގުމަތީގައި 100އެއްހާ މީހުންނަށް މަގު އޮޅުނުކަމަށެވެ. މިގޮތަށް ދިމާވީ މަގުތައް ޓްރެފިކްވުމުން ބަހުން ފައިބައިގެން ހިނގާފައި ފޭލިގެތަކަށް ދާންޖެހުމުންކަމަށާއި ނަމަވެސް ޓްރެކަރ ބޭނުންކޮށްގެން އެމީހުން ވަރަށް އަވަހަށް ހޯދުނުކަމަށް އޭނާ ވިދާޅުވިއެވެ.
"އަރަފާތު ބިމުގައި މަގުތައް ތޮއްޖެހުނީމަ އެބަ ބަސްތައް ދޫކޮށްލާފައި ހިންގާފައި ދާންޖެހޭ. ފޭލިގެތަކަށް މެންދުރަށް ދެވުނުއިރު، 100އެއްހާ މީހުން މަދު. އެހެންނަމަވެސް ޓްރެކަރ ބޭނުންކޮށްގެން އެމީހުން ހޯދާ، އަސުރަށް ވީއިރަށް، އަޅުގަނޑުމެންގެ ޓީމްތަކުން އެމީހުން ފޭލިގެތަކަށް ގެނެސްފި. ކުރިން މީހުން ނުފެނި 2-3 ދުވަސްވެސް ވެފައި އެބަހުރި. މީހުން ނަފްސާނީވެފައިވެސް އެބަހުރި." އަލީ ޝަރީފް ވިދާޅުވިއެވެ.
ޙައްޖުގެ އިތުރުން ޢުމްރާގެ އަޅުކަމުގައިވެސް ޓްރެކަރ ވަނީ ބޭނުން ކުރަން ފަށާފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު އަދި މިއަހަރުގެ ރަމަޟާން ޢުމްރާގައިވެސް ދަނީ ބޭނުންކުރަމުންނެވެ. އަލީ ޝަރީފް ވިދާޅުވީ މީހުންނަށް މަގު އޮޅުމުގެ މައްސަލަ ގިނަފަހަރަށް ދިމާވަނީ، ޙަރަމަށް މީހުން ވަދެ ނިކުންނަ މަގަށް ގެންނަ ވަގުތީ ބަދަލުތަކުގެ ސަބަބުންކަމަށެވެ. މީހުން ބައިބޯވާ ގަޑިތަކުގައި، ވަދެނިކުންނަ ދިމާތަކަށް އެކިކަހަލަ ބަދަލުތައް ގެނެއެވެ.
ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ ކިތަންމެ މަދު މީހުން އައިނަމަވެސް، ދެން ޓްރެކަރ ބޭނުންކުރާނެކަމަށެވެ. މިއަހަރު ރަމަޟާންމަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަޅުކަމަށް މައްކާއަށް 4 މިލިއަނެއްހާ މީހުން އެތެރެވެފައިވެއެވެ.
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިންވެސް 750އެއްހާ މީހުން ދިޔައެވެ. އަލީ ޝަރީފް ވިދާޅުވީ، މި ދަތުރުގައިވެސް މީހުން ގެއްލޭ މައްސަލަ ވަރަށް ބޮޑަށް ކުޑަކުރެވިއްޖެކަމަށެވެ. އެގޮތަށް މައްސަލައަށް ކުރިމަތިވާ ޙާލަތުގައިވެސް، ވަރަށް އަވަހަށް މީހުން ހޯދައިގެން ގެނެވޭކަމަށެވެ.
"ޙަރަމުތެރެއިން ހިނގާ މަގަށް ގެންނަ ބަދަލުގައި ހުރެވޭތަން ހާޖީންނަށް ނޭނގެނީ. އެގޮތަށް ކަމެއް ދިމާވީމަ ހުރިތާ މަޑުކޮށްލާފައި، ޑިވައިސްއިން ނޫނީ ގުޅައިގެންވެސް އެކަން އަޅުކަނޑުމެންގެ ސަމާލްކަމަށް ގެންނަންވީ. އޭރުން އަޅުގަނޑުމެންގެ ޓީމުން އެމީހާ ބަލާދާނެ. މިފަހަރުވެސް ތިރީހަކަށް މިނެޓުތެރޭ މީހުން ހޯދައިގެން އެބަ ގެނެވޭ." އަލީ ޝަރީފް ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރާގޮތުގައި މިއީ ޚިދުމަތަށް ގެނެވުނު ވަރަށް މުހިންމު ބަދަލެކެވެ. މިއީ ޙައްޖާއި ޢުމްރާވެރިންގެ އަޅުކަން ކަށަވަރުކޮށްދީ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ.