ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ބޭރުގެ ވުމުގެ ޤާނޫނީ އަދި އިދާރީ ކަންތައްތައް އަމާންކަމާއި އޮމާން ކަމާއެކު ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެއްބާރުލުން ދިނުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވާ ތެރޭސާ މޭ އެޤައުމުގެ ސިޔާސީ ފަރާތްތަކަށާއި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
ލަންޑަންގައި ދެއްވި ބަޔާނެއްގައި ތެރޭސާ ވިދާޅުވީ ޤައުމުގެ ސިޔާސީ ފަރާތްތަކާއި ރައްޔިތުން އެކަމަނާގެ ލީޑަރޝިޕްގެ ދަށުގައި އެއްބައިވަންތަ ގޮތެއްގައި ތިބެގެން މެނުވީ ވިލާތުގެ އިއްތިޙާދުގެ މެންބަރުކަން ދޫކޮށްލުމަށް އިނގިރޭސި ދައުލަތުން ކުރަންޖެހޭ ޤާނޫނީ އަދި އިދާރީ ކަންތައްތައް އަމާންކަމާއި އޮމާން ކަމާއެކު ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އިނގިރޭސިވިލާތުގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީންވަނީ އެޤައުމުގެ އައު ބޮޑުވަޒީރުކަމަށް ދާޚިލީ ވަޒީރު ތެރޭސާ މޭ ގެ ނަންފުޅު އިޚްތިޔާރުކޮށްފައެވެ.
އިސްތިއުފާ ދެއްވާނެކަން އިޢްލާން ކުރައްވާފައިވާ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަންވަނީ މަޤާމުން އިސްތިއުފާ ދެއްވުމުގެ ސިޓީ އިނގިރޭސި ދައުލަތުގެ ރާނީ އެލިޒަބަތަށް ބުދަދުވަހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. ކެމެރަންގެ އިސްތިއުފާއަށްފަހު ތެރޭސާ މޭ ވެސް ބުދަދުވަހު އިނގިރޭސި ބޮޑުވަޒީރު ކަމުގެ ޤާނޫނީ ހުވާކުރައްވާގޮތަށް ކަންތައްތައް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.