މަގުމަތީގައި ސިޔާސީ ޙަރަކާތް ކުރިއަށް ގެންދިއުމުގެ ފުރުޞަތު އެޕާޓީއަށް ދޭންޖެހޭކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ފުލުހުންގެ އެދިވަޑައިގަތުމުގެ މަތިން ހިނގާލުމާ ގުޅޭގޮތުން މަޝްވަރާ ކުރުމުންވެސް އެ ފުރުޞަތު ނުދޭނެކަމަށް ބުނިނަމަވެސް ހިނގާލުން ކުރިއަށް ގެންދާނެކަމަށެވެ. އެމްޑީޕީން މިހެން ބުނެފައިމިވަނީ، މަގުމަތީގައި ސިޔާސީ އެއްވެސް ޙަރަކާތެއް ހިންގުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ފުލުހުން ހާމަކުރެއްވުމާއިގުޅިގެންނެވެ.
އެމްޑީޕީން އެ ޕާޓީގެ އަހަރީ ދުވަހާ ގުޅުވައިގެން އަންނަ ހޯމަދުވަހުގެ ރޭ ނުވަޔަކުން ބާރަޔަށް މާލޭގެ މަގުތަކުގައި ހިނގާލުމެއް ބާއްވަން ތައްޔާރުވެފައިވާކަމަށް އެޕާޓިން ވަނީ ބުނެފައެވެ.
ފުލުހުން ވިދާޅުވީ މަގުމަތީގައި ސިޔާސީ ޙަރަކާތް ނުހިންގޭނެކަން އެމްޑީޕީއަށް އަންގާފައިވާނޭކަމަށެވެ. ފުލުހުން ވިދާޅުވީ މަގުމަތީގައި ސިޔާސީ ޙަރަކާތް ހިންގަން ފުރުޞަތު ނުދެއްވާނީ، މާލޭގެ މަގުތަކަކީ ކާރޫބާރު ބޮޑު މަގުތަކަކަށްވެފައި، ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރުމުން، ހިނގާބިނގާވާ މީހުންނާއި، ޟަރޫރީ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުންނާއި، މަގުމަތީގައި ކުރެވޭ ދަތުރުތައް ހުއްޓި، އެތައް ބައެއްގެ ޙައްޤުތައް ގެއްލިގެންދާތީ ކަމަށެވެ. އަދި ފުލުހުންގެ އެންގުމާ ޚިލާފަށް އެފަދަ ޙަރަކާތެއް ކުރިޔަށް ގެންދާނަމަ އެ ޙަރަކާތްތައް ހުއްޓުވާނެކަމުގެ އިންޒާރުވެސް އެމްޑީޕީއަށް ފުލުހުން ދީފައިވެއެވެ.
އެމްޑީޕީގެ އަހަރީދުވަސް ފާހަގަކުރުމަށް އެޕާރޓީން ބާއްވާ ހިނގާލުމުގައި މާލޭގެ ބައެއް ސަރަޙައްދުތަކުގައި މަޑުކޮށް، ޝުޢޫރު ފާޅުކުރުމަށް ނިންމާފައިވާކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ. އަދި މި ހިނގާލުން ފަށާނީ އެމްޑީޕީގެ ހަރުގެއިންކަމަށާއި ނިންމާނީވެސް އެ ސަރަޙައްދަށްކަމަށް އެޕާޓީން ބުނެފައިވެއެވެ.
"އަޅުގަނޑުމެން މި ނިކުންނަނީކީއެއް އެއްގޮތަކަށްވެސް މުޒާހަރާ ކުރާކަށްނޫން. މިއީ، އަޅުގަނޑުމެން މި ނިކުންނަނީ އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން. ހަމަނުޖެހުންތަކެއް ނިކުމެދާނެކަމަށް ކުރީބައިގައި ފުލުހުން ނިންމައިގެން އަމަލުކުރެވޭނެފަދަ އެއްވުމެއް ވެސް ނުން. އަދި އަޅުގަނޑުމެން ހަމަ ވަރަށް ރަނގަޅަށް ހިނގާނެ މަގުތަކާއި މި ހުރިހާ މަޢުލޫމާތެއް ފުލުހުންނަށް ދީފަ ވާނީ" އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވިއެވެ.