ޢާންމުކޮށް އިޢުލާނުކުރުމަކާ ނުލައި ރަށްރަށާއި ބިމާއި ފަޅު، ފަތުރުވެރިކަމަށް ކުއްޔަށްދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤް ކުރައްވައިފިއެވެ.
މި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރެއްވުމާ ގުޅިގެން، ބިޑްކުރުމަކާ ނުލައި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ނުވަތަ ބިން، ނުވަތަ ފަޅު ކުއްޔަށް ދޫކުރާނެ އުޞޫލުތައް ކަނޑައެޅޭނެއެވެ. ޓޫރިޒަމާބެހޭ ޤާނޫނުގައި ކުރިން އޮތްގޮތުން ޓޫރިސްޓް ރިސޯޓް ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް ދޫކުރެވެނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ޢާންމުކޮށް އިޢުލާންކުރައްވައިގެން، ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ގެންނެވި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤްކުރެއްވުމުން، ޢާންމުކޮށް އިޢުލާނުކުރުމަކާ ނުލައި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރެވޭނެއެވެ. އެހެންކަމުން ދެން އެތަނެއް ކުއްޔަށް ދެވޭނީ އެތަނެއް ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނަކަށްވުމާއި، އެކުއިޒިޝަން ފީ އެކީ އެއްފަހަރާ ދައްކާފައިވުމާއި، މާލީ ގޮތުންނާއި ފަންނީ ގޮތުން ޤާބިލް ފަރާތަކަށް ވުމުންނެވެ. އަދި އެތަނެއް ކުއްޔަށް ދޫކުރުމުގެ ކުރިން ރައީސްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ހޯދަންޖެހޭނެއެވެ.
ފަތުރުވެރިކަމާބެހޭ ޤާނޫނަށް މި ގެންނެވި އިޞްލާޙަކީ، ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކުރައްވާފައިވާ ރަށްރަށާއި ބިންބިމާއި ފަޅު ތަރައްޤީކުރުމުގެ ޔަޤީންކަން ލިބި އަދި ތަރައްޤީކުރެވުން އަވަސްކުރެވިގެންދާނެ އަދި އެކަމުގެ މަންފާ ފަރުދުންނާއި މުޅި ދައުލަތަށް އިތުރުވެގެންދާނެ އިޞްލާޙެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ. ޚާއްޞަކޮށް މި އުޞޫލްގެ ސަބަބުން ޓޫރިޒަމްގެ ސިނާޢަތް ފުޅާކުރެއްވުމަށް މަގުފަހިވާނެކަން ޓޫރިޒަމް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ފަތުރުވެރިކަމަށް ކުއްޔަށް ދީފައިވާ ރަށްތަކާއި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އަލުން ހުޅުވާލައި ކުއްޔަށް ދޫކުރޮށްފައިވާ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ ދެއްކުމަށް އައު މުއްދަތެއް މި ޤާނޫނުން ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން 36 މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކޮށް ނިންމަން ވާނެކަމަށް މި އިޞްލާޙުގައިވެއެވެ. އަދި ފަތުރުވެރިކަމާބެހޭ ކަންކަމާ ގުޅިގެން ޓޫރިޒަމާބެހޭ މިނިސްޓްރީން ދެއްވާ ޚިދުމަތްތަކަށް ޚިދުމަތުގެ ފީއެއްވެސް މި ޤާނޫނުގެ އައު ބަދަލާއެކު ނަގަން ފަށްޓަވާނެއެވެ. ނަމަވެސް މިއަދުން ފެށިގެން ތިންމަސްދުވަހުގެ ތެރޭގައި ފީ ނެގޭނެ ޤަވާއިދު ހަދައި، ގެޒެޓް ކުރަންވާނެކަމަށް ބިލްގައި ބަޔާންކުރައްވާފައިވެއެވެ.
ބިޑްކުރުމަކާ ނުލައި، ފަތުރުވެރިކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުށްޔަށް ދޫކުރެއްވުމުގެ އުޞޫލަކީ ޤާނޫނޫ އަސާސީއާ ޚިލާފު ބަދަލެއް ކަމަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރާފައިވާތީ އެކަމަށް ރައްދުދެއްވަމުން ބަންޑާރަ ނާއިބު ވަނީ މި ބަދަލު ޤާނޫނު އަސާސީއާ ޚިލާފު ނުވާކަމަށް ބަޔާންކުރައްވާފައެވެ. އެގޮތުން، ޓޫރިޒަމްގެ ޤާނޫނަށް ގެންނެވި އިސްލާހަކީ ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ޤާނޫނުގައި މިހާރުވެސް ބަޔާންކޮށްފައިވާ ކަމެއް ކަން ބަންޑާރަ ނައިބް ފާހަގަކުރެއްވިއެވެ. އަދި ޤާނޫނަށް ގެނެވުނު އިޞްލާޙަކީ، ކުރިން ފަޅުރަށްރަށް ދޫކުރަމުން އައި ގޮތަށްވުރެ މާބޮޑަށް ދެފުން ފެންނަ، ރައްޔިތުންނާއި ދައުލަތަށް ފައިދާ ހުރި އަދި ރާއްޖޭގެ އިޤްތިޞާދަށްވެސް ފައިދާ ބޮޑު އުޞޫލެއްކަމަށް ވިދާޅުވިއެވެ. އަދި މިކަން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނެއްގެ ތަރަޙައިގެ ތެރެއިން ކުރެއްވުމުން، މީގެ ކުރިން ބިޑްނުކޮށް، އެހެން ބައެއް ކަންކަން ޝަރުޠުކުރުމަށްފަހު ދޫކޮށްފައި ހުރި ރަށްރަށް ދޫކުރުމުގައި ދިމާވި މައްސަލަތަކާއި އަދި ފަހުން ޖެހޭ މައްސަލަތައް ޙައްލުކުރުމަށް ކުރިމަތިވެފައިވާ ޤާނޫނީ ހުރަސްތައް ދިމާނުވާނެކަން އެޓާރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް ފާހަގަކުރެއްވިއެވެ.
މި ބިލް ތަޞްދީޤްކުރެއްވުމާ އެކު ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނަގަންވެސް ވަނީ ފަށްޓަވާފައެވެ. އެހެންކަމުން ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން 3 ޑޮލަރުގެގްރީން ޓެކްސް ނަގަމުން ދާނެެއެވެ.
މި ބިލު ތަޞްދީޤްކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.