ޚަބަރު

ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މި މީހުން ހިފަހައްޓާފައިވަނީ އިމިގްރޭޝަން ވޮޗަށް ހުށަހެޅުނު ރިޕޯޓަކާގުޅިގެން

ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި 3 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިމަހުގެ 5 ވަނަ ދުވަހު އިމިގްރޭޝަން ވޮޗަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން މ. ހަރމަނީ ނަމަކަށް ކިޔާ ގެއެއް ރޭ ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ރޭގަނޑު 9 އަކުން ފެށިގެން މެންދަމު 2 ޖެހުމާ ހަމައަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރުމުގެ ވިޔަފާރި އޮންލައިންކޮށް ކުރަމުންދިޔަކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި މިތަނުގައި މަސައްކަތް ކުރަމުންދިޔަ 3 ބިދޭސީން މަސައްކަތް ކުރަމުންދިޔައީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވާއިދާ ޚިލާފަށްކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.


ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކާ މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އިމިގްރޭޝަން ވޮޗަށް ހުށަހެޅޭ ތަފާތު މައްސަލަތަކާ ގުޅިގެން ހިންގާ ރެއިޑްތަކާއި އޮޕަރޭޝަންތަކުގެ އިތުރުން އިމިގްރޭޝަނުން އަމިއްލައަށް އިސްނަގައިގެން ހިންގާ ތަފާތު އޮޕަރޭޝަންތަކުގެ ތެރެއިންވެސް ބިދޭސީ ހަރަކާތްތެރިވާ ތަންތަން ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓުކޮށްލުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.