ޚަބަރު

ޙައްޖަށް ފޮނުވާ ފަޤީރުންގެ ޙާލަތު ބަލާނަން، އޮޅުވާލާފައިވާނަމަ އެ ފުރުޞަތު ގެއްލޭނެ: ވަޒީރު


  • ޙައްޖަށް ފޮނުވާނެ ފަގީރުން ހޮވަނީ ގުރުއަތުން

  • ފަޤީރުންގެ ޝަރުޠަށް ފެތޭކަން ކަށަވަރުކުރާނެ

އޮޅުވާލައި، ދޮގު މައުލޫމާތުދީގެން ފަޤީރުންގެ ދަފްތަރުގައި ޖެހިފައިވާކަން ސާބިތުވެއްޖެނަމަ އެމީހަކަށް ޙައްޖުގެ ފުރުޞަތު ގެއްލޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފަޤީރުންގެ ތެރެއިން މިއަހަރު ދައުލަތުގެ ޚަރަދުގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތުދޭ ފަންސާސް މީހުންގެތެރޭގައި އޮޅުވާލައިގެން މަޢުލޫމާތު ދީފައިވާ މީހުން ހިމެނޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ދައުލަތުގެ ޚަރަދުގައި ހައްޖަށް ދާން ފަޤީރުންގެ ދަފްތަރުން ހޮވޭ ފަރާތްތައް ޙައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ޙާލަތު ބަލައި، ފަޤީރުންގެ ޝަރުޠަށް ފެތޭކަން ކަށަވަރުކޮށްފައިކަމަށެވެ. އެއާ ޚިލާފަށް އޮޅުވާލައިގެން މައުލޫމާތު ދީގެން ދަފްތަރުގައި ޖެހިފައިވާކަން ސާބިތުވެއްޖެނަމަ ޙައްޖުގެ ފުރުޞަތު އެމީހަކަށް ގެއްލޭނެކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިޒުގެ ވަޢުދާ އެއްގޮތަށް، ދައުލަތުގެ ޚަރަދުގައި މިއަހަރު ޙައްޖަށް ފޮނުވާ 50 ފަގީރުން ވަނީ ހޮވާފައެވެ. އަދި އެއްވެސް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުޞަތުދޭނެ 10 މީހުންވެސް ވަނީ ހޮވާފައެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ފަޤީރުންގެ ދަފްތަރުން ޙައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ މީހުން ހޮވާފައިވަނީ ގުރުއަތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަޤީރުން ހައްޖަށް ފޮނުވާނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ މި ވައުދުގެ ތެރެއިން ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ދެނީ ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފަވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުގެ ތެރެއިން ފަޤީރުން ހައްޖަށް ފޮނުވަން ފަށާފައިވަނީ މިދިޔަ އަހަރުއެވެ.

އުސޫލެއްގެ ގޮތުން ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޙައްޖު ކޯޓާއެވެ. ރާއްޖެއިން މިހާރު މީހުން ޙައްޖަށް ގެންދަނީ ޙައްޖު ކޯޕަރޭޝަނުން އެކަންޏެވެ. މިއަހަރުގެ ޙައްޖު ދުވަސް މީލާދީގޮތުން ދިމާވަނީ ޖޫން މަހުގެ 5 ވަނަ ދުވަހާއެވެ.