ޚަބަރު

މައުލޫމާތު ހޯދަންކަމަށްބުނެ ޕީއެންސީގެ ނަމުގައި މެސެޖުތަކެއް ފޮނުވާ މައްސަލައެއް


  • އެސްއެމްއެސްގެ ޒަރީއާއިން މައުލޫމާތު ހޯދަން މެސެޖު ނުފޮނުވާނެ ކަމަށް ބުނޭ

  • އެ މައްސަލަތައް ފުލުހަށް ހުށަހެޅުމަށް ވަނީ ނިންމާފައި

ޕާޓީގެ ބޭނުމަށް މައުލޫމާތު ހޯދަންކަމަށްބުނެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ނަމުގައި މެސެޖުތަކެއް ފޮނުވާ މައްސަލަތަކެއް ސަމާލުކަމަށް އައިސްފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ނަމުގައި އެކި ފަރާތްތަކަށް މައުލޫމާތު ހޯދަންކަމަށްބުނެ މެސެޖުތަކެއް ފޮނުވަމުންދާކަން އެ ޕާޓީގެ ސެކެޓްރިއޭޓްގެ ސަމާލުކަމަށް އެކިއެކި ފަރާތްތަކުން ގެނެސްފައިވާ ކަމަށެވެ.

އެ ޕާޓީގެ ބޭނުމަށް ރަށްރަށުން މައުލޫމާތު ހޯދާނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކަށް މައި އިދާރާއިން ގުޅައިގެން ނުވަތަ ޕާޓީގެ ރަސްމީ ހައިސިއްޔަތެއް އޮތް ފަރާތެއް ގުޅައިގެން ކަމަށާއި އެކަން ކުރާނީ ޕާޓީގެ އެކަމަކަށް ކަނޑައެޅިފައިވާ ރަސްމީ ޗެނަލްތައް މެދުވެރިކޮށް ކަމަށް ޕީއެންސީން ބުންޏެވެ. އަދި ޕާޓީގެ ބޭނުމަށް ގުޅާނަމަ ގުޅާނީ، ޕާޓީގެ ނަމުގައި ހުންނަ ނަންބަރުތަކުން ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ޕީއެންސީން ބުނީ އެސްއެމްއެސްގެ ޒަރީއާއިން އެއްވެސް މައުލޫމާތެއް ހޯދަން އެ ޕާޓީން ނޭދޭނެ ކަމަށެވެެ. އަދި ސިޔާސީ ބޭނުމަށް އެ ޕާޓީގެ ނަމުގައި ސައްޙަނޫން މެސެޖުތަކެއް ފޮނުވުން ފަދަ ދަށު ދަރަޖައިގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ އަމަލުތައް ހުއްޓާލުމަށްވެސް ޕީއެންސީން ވަނީ ގޮވާލާފައެވެ.

މިހާތަނަށް ފާހަގަކުރެވިފައިވާ މިފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިގެން ބަލަމުން ގެންދާނެ ކަމަށްވެސް ޕީއެންސީން ބުންޏެވެ.

ޕީއެންސީން ވަނީ އެ ޕާޓީގެ ނަމުގައި ފޮނުވާ އެފަދަ މެސެޖުތަކަށް އިޖާބަނުދިނުމަށާއި އެފަދަ މެސެޖެއް ލިބިއްޖެނަމަ ޕާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގުމަށް އެ ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ފަރާތުން އެދިފައެވެ.