ޚަބަރު

"މަހްރަޖާނުލް ޤުރްއާނިލްކަރީމް" ގެނެސްދޭތާ 19 އަހަރު، މިއަހަރުގެ ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން


  • މިއީ ކޮންމެ ރަމަޟާން މަހެއްގައި ގެނެސްދޭ ދީނީ ހަރަކާތެއް

  • 4 މަޢުޟޫއަކަށް ދީނީ މަޢުލޫމާތު ދީފައިވޭ

އިސްލާމީ ޔުނިވަރސިޓީއިން ބާއްވަމުން އަންނަ "މަހުރަޖާނުލް ޤުރުއާނިލް ކަރީމް"އަކީ ޢިލްމީ ބޭފުޅުންގެ ޢިލްމީ ހަޒާނާއިން މުހިންމު ފިލާވަޅުތައް އާއްމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބާއްވާ ވަރަށް މުހިންމު ޕްރޮގްރާމެއްކަމަށް އެ ޔުނިވަރސިޓީއިން ވިދާޅުވެއްޖެއެވެ. މިއަހަރުގެ "މަހުރަޖާން ޤުރުއާނިލް ކަރީމް 1446" ޕްރޮގްރާމް، ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

މިއީ ދިވެހިރާއްޖޭގެ އިސްލަމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުން ބާއްވަމުން އަންނަ ދީނީ ހަރަކަތެކެވެ. 2006ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ "މަހްރަޖާނުލް ޤުރްއާނިލްކަރީމް" ޕްރޮގްރާމްގައި ރީތި ރާގުތަކަށް ޤުރުއާން ކިޔެވުމާއި އަދި ތަފްސީރާއި ދިނީ މުޙިއްމުގެ މަޢުލޫމާތުތައް ފޯރުކޮށްދެއެވެ. އަދި ކިޔެވުންތަކާއި ތަފްސީރު ފިލާވަޅުތައް އަޑުއަހާލުމުގެ ފުރުޞަތު ޢާއްމުންނަށްވެސް އޮވެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް އެކަޑެމިކް އެފެއަރޒް ޑރ. އައިޝަތު ވަޙީދާ ވިދާޅުވީ، މިއީ ޢިލްމީ ބޭފުޅުންގެ ޢިލްމީ ޚަޒާނާއިން ފިލާވަޅު ލިބިގަތުމަށް ބާއްވާ ހަރަކާތެއްކަމަށެވެ. ކޮންމެ ރަމަޟާން މަހަކު ބާއްވާ މި ޕްރޮގްރާމް ބާއްވަނީ އާއްމުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެންނެވެ. މި ޕްރޮގްރާމްގައި މަޝްހޫރު ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

"މިއީ ޤުރުއާނުގެ ޢިލްމީ ހަފްލާއެއް. ޢިލްމީ ބޭފުޅުންގެ ޢިލްމީ ހަޒާނާއިން މުހިންމު ގިނަ މަޢުލޫމާތާ ފިލާވަޅު ލިބިގެންދޭ. މިއީ ޤުރުއާން އުނގަންނައިދިނުމުގައި ކުއްލިއްޔާގެ ދަޢުރާ ހަރަކާތްތެރިވުން އިތުރުކުރުމަށް ބާއްވާ ހަރަކާތެއް" ޑރ. އައިޝަތު ވަޙީދާ ވިދާޅުވިއެވެ.

ދޮޅު ގަޑިއެއްހާއިރަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، 4 ބޭފުޅަކު ކިޔެވުން ހުށައަޅައިދީފައިވެއެވެ. އަދި ޤުރުޢާނުގެ ޢިލްމުގެ 4 ދާއިރާއަކުން 4 އިލްމުވެރިޔަކު މަޢުލޫމާތު ދެއްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ދަނީ، ދީނީ ޢިލްމު އުނގަންނައިދީ އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މިފަދަ ގިނަ ޕްރޮގްރާމަތަކެއް ހިންގަވަމުންނެވެ.