މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2025 ގެ ވެޓެރަންސް ކެޓެގަރީގައި ހިންނަވަރު ހައިނުސް ކުޅުނު މެޗު ކާމިޔާބުކޮށް ޕްލޭއޮފްގެ ޖާގައެއް ހޯދައިފިއެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 9 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގެ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ދެވަނަ ބުރަށް ދަތުރުކުރާއިރު، ދެވަނަ އާއި ތިންވަނަ އަދި ހަތަރުވަނަ ހޯދާ ޓީމުތައް ޕްލޭއޮފް ބުރެއް ކުޅެން ޖެހޭނެއެވެ. އެ ބުރުން މޮޅުވާ ޓީމުތަކަށް ދެވަނަ ބުރުގެ ފަހު ޖާގަތައް ލިބިގެންދާއިރު، ދެވަނަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
މި މުބާރާތުގައި މިއަދު ކުޅުނު މެޗު ހައިނުސް ކާމިޔާބުކުރީ މުއިވެޔޮ ފްރެންޑްސްއާ ވާދަކޮށް 5-0 ގެ ނަތީޖާއަކުންނެވެ. މިމެޗުން ބަލިވި ނަމަވެސް މުއިވެޔޮ ވަނީ ގްރޫޕް އޭގެ ތިންވަނަ ޓީމުގެ ހައިސިއްޔަތުން ޕްލޭއޮފަށް ދަތުރުކޮށްފައެވެ.
މި މުބާރާތުގެ މާސްޓަރސް ކެޓަގަރީގަ މިއަދު ކުލަބު ވެލެންސިއާ ވަނީ ކުޑަހެންވޭރު އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ޖެހިގެން އައި މެޗު އެމްއެސް މޭޓްސްއިން ކާމިޔާބުކުރުމުން، އެ ޓީމަށް ވަނީ ގްރޫޕް ބީގެ އެއްވަނަ ލިބިފައެވެ. އެއާއެކު އެމްއެސް މޭޓްސް ދެވަނަ ބުރަށް ދަތުރުކުރިއިރު، މިއަދުގެ މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން 5-1 ގެ ނަތީޖާއަކުންނެވެ.
ޖުމްލަ 60 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ފޯރީގައި ކުރިއަށްދާއިރު، މި މުބާރާތް ވަނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލްމަރްހޫމް މުޙައްމަދު އާރިފް (ބަކާ) އަށް ޚާއްސަކޮށްފައެވެ.