އޭޝިޔާ ޗެލެންޖްގެ ސާބާ ޒޯން ކޮލިފިކޭޝަންގެ ދެވަނަ ދިވެހި ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމް ހޯދައިފިއެވެ. މީ ފިރިހެން ސީނިއާ ބާސްކެޓްބޯޅަ ޓީމް ބައިނަލްއަގްވާމީ މުބާރާތަކުން ހޯދި ފުރަތަމަ މެޑަލްއެވެ.
ދިވެހި ޓީމަށް ކޮލިފައިންގެ ދެވަނަ ލިބުނީ މިއަދު ހަވީރު ކުޅުނު މެޗުގައި ނޭޕާލް އަތުން ބަލިވި ނަމަވެސް ފައިދާ ޕޮއިންޓްގެ ތަފާތުން ދިވެހި ޓީމަށް ބަންގްލަދޭޝް އަދި ނޭޕާލަށްވުރެ ކުރި ލިބުމުންނެވެ. މިއަދު ހަވީރު ނޭޕާލް އަތުން ދިވެހި ޓީމް ބަލިވީ ފަސްދޮޅަސް ދެ ޕޮއިންޓް ފަންސާސް ހަތަރު ޕޮއިންޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ކުއާޓާރގައި ދިވެހި ޓީމުން ލީޑްގައި އޮވެ ކުޅެމުންދިޔަ ނަމަވެސް، މެޗުގެ ފަހު ކުއާޓާރގައި ނޭޕާލުންވަނީ ދިވެހި ޓީމްގެ މައްޗަށް ބޮޑު ލީޑެއް ހޯދައި މެޗް ކާމިޔާބުކޮށްފައެވެ.
އޭޝިޔާ ޗެލެންޖްގެ ސާބާ ޒޯން ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީމްވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާފައެވެ. ދެވަނަ މެޗުގައި ދިވެހި ޓީމް ބަލިވީ ކޮލިފައިންގެ އެއްވަނަ ހޯދައި އަންނަ ސެޕްޓެމްބަރ މަހު އިރާންގައި އޮންނަ އޭޝިޔާ ޗެލެންޖުން ޖާގަ ހޯދި އިންޑީޔާ އަތުންނެވެ.
ރާއްޖޭގެ އަންހެން ބާސްކެޓް ޓީމްވެސް ވަނީ މިއަހަރު ބައިނަލްއަޤްވާމީ ފުރަތަމަ މެޑަލްއެއް ހޯދާފައެވެ. އަންހެން ޓީމް ކާމިޔާބުކުރީ ސާބާ ވިމެންސް ބާސްކެޓް މުބާރާތުގެ ލޯ މެޑައްޔެވެ.