ހޯމަ ދުވަހަކީ މި ރޯދަމަހު މާލެ ސަރަޙައްދުގައި ފުރަތަމަފަހަރަށް 100 މެގަވޮޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާ ދުވަސްކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ރަމަޟާން މަސް ފެށުނުއިރު މޫސުން ގޯސްވެ ވިއްސާރަކުރަމުންދިޔަނަމަވެސް މޫސުން ރަނގަޅުވެ، ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަަހައްދަކަށްވެސް ވަނީ އަވިދޭން ފަށާފައެވެ. އާއްމުކޮށް އެހެން އަހަރުތަކެކޭ އެއްގޮތަށް އިރުވައި މޫސުމުގެ ހޫނު ދުވަސްތައް މިހާރު މިވަނީ ފެށިފައެވެ.
މާލެއާއި ހުޅުމާލޭގައި މިދިޔަ ހޯމަދުވަހު ކަރަންޓު ބޭނުންކުރި މިންވަރަށް ބަލާއިރު އެއީ މިރޯދަމަހު ފުރަތަމަފަހަަރަށް 100 މެގަވޮޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާ ދުވަސްކަން ފާހަގަކުރެވޭކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ހޫނު ގަދަވުމާއެކު ރަމަޟާން މަހު ކަރަންޓު ބޭނުންކުރި މިންވަރު ވަނީ އިތުރުވެފައެވެ.
ސްޓެލްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މާލޭ ސަރަޙައްދުގައި މެންދުރާއި ރޭގަނޑުގެ ވަގުތުގައި އެވަރެޖްކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އުޅެނީ 90 މެގަވޮޓުން މަތީގައެވެ.
ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މިހާރަށްވުރެއްވެސް އިތުރުވާނެކަމަށް ލަފާކޮށްފައެވެ. އެހެންކަމުން ކަރަންޓު އިޤްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއްދެއްވުމަށް ސްޓެލްކޯއިން ވަނީ އިރުޝާދު ދެއްވާފައެވެ.
ރައްޔިތުންނަށް ލުއިފަސޭހަކޮށްދެއްވުމަށް، މި ރަމަޟާން މަހުވެސް ކަރަންޓާއި ފެން ބިލުން %10 ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިކަމަށް 160 މިލިޔަނެއްހާ ރުފިޔާ ހޭދަވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.