މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2025 ގެ ވެޓެރަންސް ކެޓެގަރީގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ކުލަބު ޕީކޭ އިތުރު އިންތިޒާރެއް ކުރަން ޖެހުނުއިރު، ޕްލޭއޮފްގެ ޖާގައެއް ޔަގީންކުރަން ބީޖީ ސްޕޯޓްސް ކުލަބުވެސް އިންތިޒާރުކުރަން ޖެހިއްޖެއެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 9 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގެ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ދެވަނަ ބުރަށް ދަތުރުކުރާއިރު، ދެވަނަ އާއި ތިންވަނަ އަދި ހަތަރުވަނަ ހޯދާ ޓީމުތައް ޕްލޭއޮފް ބުރެއް ކުޅެން ޖެހޭނެއެވެ. އެ ބުރުން މޮޅުވާ ޓީމުތަކަށް ދެވަނަ ބުރުގެ ފަހު ޖާގަތައް ލިބިގެންދާއިރު، ދެވަނަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
މުބާރާތުގައި މިއަދު ވަނީ ވެޓެރަންސް ކެޓެގަރީގައި ދެ މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗުގައި ގްރޫޕް ބީގައި ހިމެނޭ ޕީކޭ އާއި އެމްއެސް މޭޓްސް ބައްދަލުކުރިިއިރު، މި މެޗު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދެވެން އޮތް ޕީކޭއަށް މި ގްރޫޕުގައި ބާކީ މެޗެއް އެބައޮތެވެ.
މި ގުރޫޕުގެ ފުލުގައި އޮތް ލެގޫންސް ސްޕޯޓްސް ކުލަބު ވަނީ މިއަދު ކުޅުނު މެޗުގައި ބީޖީގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުން ބަލިވި ބީޖީއަށްވެސް ގްރޫޕުގެ ބާކީ އެއް މެޗު އެބައޮތެވެ.
މީގެ އިތުރުން މި މުބާރާތުގެ މާސްޓަރސް ކެޓެގަރީގައި ހިންނަވަރު ހައިނުސް ވަނީ މިއަދު ހޯދި މޮޅާއެކު ގުރޫޕުގެ ދެވަނަ މަގާމު ޔަގީންކޮށްފައެވެ. މުއިވެޔޮ ފްރެންޑްސްއާ ދެކޮޅަށް ކުޅުނު މެޗު ހައިނުސްއިން ކާމިޔާބުކޮށްފައިވަނީ 7-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބަލިވި ނަމަވެސް މުއިވޮޔެ ވަނީ ޕްލޭއޮފް ބުރަށް ކޮލިފައިވެފައެވެ.
ޖުމްލަ 60 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ފޯރީގައި ކުރިއަށްދާއިރު، މި މުބާރާތް ވަނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލްމަރްހޫމް މުޙައްމަދު އާރިފް (ބަކާ) އަށް ޚާއްސަކޮށްފައެވެ.