ރަމަޟާން މަހު މާލޭގައި އެންމެ ޓްރެފިކް ބާރު ބޮޑުވާ ސަރަޙައްދަކީ މާރުކޭޓްތައް ހިމެނޭ ބާޒާރުމަތީ ސަރަހައްދެވެ. އެސަަރަހައްދަކީ، ރަށްރަށަށް މުދާފޮނުވުމާއި މުދާ ބޭލުމަށްވެސް ބޭނުންކުރާ ސަރަޙައްދަކަށްވާއިރު، ބާޒާރު މަތީގެ ފިހާރަތަކަށް މުދާ ބޭލުމާއި އެރުވުމަށްވެސް އެތައް ބަޔަކު އެސަރަޙައްދުގެ ބޭނުން ކޮންމެ ދުވަހަކުވެސް ކުރެއެވެ. އެހެންކަމުން ބާޒާރު މަތީގެ ޓްރެފިކް ފްލޯ ބެލެހެއްޓުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުންދަނީ މާލެ ސިޓި ކައުންސިލާއި ގުޅިގެން ކުރަމުންނެވެ.
މާލޭގެ އުތުރު ފަރާތުން، އެމްއެމްއޭއިން ފެށިގެން ނޯތު ހާބަރު ހިމެނޭ ސަރަޙައްދަކީ، ހުރިހާ ދުވަސްވަރެއްގައިވެސް ދުވާލުގެ ގިނަ ވަގުތުތަކުގައި ބާރު ބޮޑުވާ ސަރަޙައްދެކެވެ. އެހެންނަމަވެސް ރަމަޟާން މަހު އެސަރަޙައްދުގެ ކާރޫ ބާރު އެހެން މަސްމަހާއި ޚިލާފަށް ކޮންމެ ބޮޑުވެއެވެ. އެހެންކަމުން މިކަމަށް ތައްޔާރުވެ އާއްމުންނަށް ލުއިފަސޭހަކޮށްދިނުމަށް ފުލުހުންގެ ޚިދުމަތުންވަނީ މިއަހަރު ދުރާލާ ތައްޔާރުވެފައެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ހެޑް އޮފް ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ޙުސެއިން ސަމީރު ވިދާޅުވީ، މާލެ ސިޓި ކައުންސިލާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނާއެކު މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ނިމިގެންދިޔައީ ބާޒާރު މަތީގެ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ އިންތިޒާމުތަކެއް ހަމަޖެހި އޭގެ ފައިދާ ރައްޔިތުންނަށް ލިބިގެންކަމަށެވެ.
"އެހެން އަހަރުތަކަށްވުރެ އުޅަނދުތައް ގިނަކަން އަޅުގަނޑުމެނަށް ފާހަގަކުރެވޭ. އެހެންނަމަވެސް މިއަހަރު ޓްރެފިކް ބެލެހެއްޓުމަށް މިގެނައި ބަދަލާއެކު މަގުމަތީގައި ތޮއްޖެހުން ކުޑަކުރެވިއްޖެ" ސަމީރު ވިދާޅުވިއެވެ.
ބާޒާރު މަތީގައި ޓްރެފިކް ބެލެހެއްޓުމުގައި ޙަރަކާތްތެރިވަމުންދާ ސަރޖަންޓް ހަސަން ޝާމް ވިދާޅުވީ، ރޯދަ ފެށުމުގެ 15 ވަރަކަށް ދުވަސްކުރިން ފެށިގެން ޓްރެފިކް ފުލުހުންގެ ތެރެއިން ޚާއްސަ ޓީމެއް ނަގައިގެން ބާޒާރު މަތި ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް މިސަރަޙައްދުން ޚިދުމަތް ހޯދާ ހުރިހާ ފަރާތަކުންވެސް ތިމާއަށް ލިބޭ ފަސޭހައަށްވުރެ ދުރަށް ވިސްނާ، މުޅި މަގު ތޮއްޖެހުން ކުޑަކުރެވޭނެހެން އުޅަނދުތައް އަދި މުދާ ބެލެހެއްޓުމަކީ" ޝާމް ވިދާޅުވިއެވެ.
މިސަރަޙައްދުގައި ޓްރެފިކް ބެލެހެއްޓުމަށް ގެނެސްފައިވާ ބަދަލުތައް ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ކޮންސްޓަބަލް ސަމޫޙް އަޙްމަދު ވިދާޅުވީ، ހެނދުނު 09:30 އިން ފެށިގެން، އިރުއޮއްސި 6 ޖެހުމާއި ހަމައަށް އޮޑިދޯނި ފަހަރަށް މުދާ އެރުވުމަށާއި ބޭލުމަށް އަދި ބާޒާރު މަތީގެ ފިހާރަތަކަށް މުދާ ބާލާ އަދި އެރުވުމަށް އުޅަނދުތައް މަޑުކުރުމަށް ވަކި ސަރަޙައްދުތަކެއް ކަނޑައެޅިފައިވާކަމަށެވެ. އަދި ސައިކަލު ޕާކުކުރުމަށްވެސް ފިހާރަތައް ކުރިމަތިން ސަރަޙައްދެއް ކަނޑައަޅާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން މިމަހުގެ ކުރިއަށް ފެށިއިރު، މުދާހުރޭ ޕޭމަންޓް މަތީގައާއި މަގުމަތީގައިވެސް ބަހައްޓާފައި. އޭގެ ސަބަބުން ޕާކިންގއަށްވެސް ދަތިވެ. އެހެންކަމުން ޕާކިންގ ސަރަޙައްދުގައި މުދާ ބެހެއްޓުން ހުއްޓުވާ ކަނޑައެޅިފައިވާ ގަޑީގެ ބޭރުން މިސަރަޙައްދުގައި ޕާކުކުރުން މިހާރުވާނީ މަނާކޮށްފައި" ސަމޫޙް ވިދާޅުވިއެވެ.
ބާޒާރު މަތީގެ ޓްރެފިކަށް ފުލުހުން ގެނައި ބަދަލާ ގުޅިގެން މިސަރަޙައްދުގެ ޓްރެފިކަށް އައިސްފައިވާ ބަދަލާއި ގުޅޭގޮތުން މިސަރަޙައްދުގައި ޙަރަކާތްތެރިވާ ބައެއް ވިޔަފާރިވެރިންނާއި އޮޑިދޯނިފަހަރުވެރިންވަނީ ޕީއެސްއެމްނިއުސްއާއި އެބޭފުޅުންގެ ޝުޢޫރު ހިއްސާކޮށްފައެވެ.
"މީގެކުރިން އަޅުގަނޑުމެނަށް މިސަރަޙައްދުގައި މުދާ އެރުވުމަށް މަޑުކޮށްލާނެ ޖާގައެއް ނުލިބި އެތައް ވަގުތެއް ދޭ. އެހެންނަމަވެސް މިހާރު ވަރަށް ފަސޭހައިން ޖާގަލިބޭ" ވިޔަފާރިވެރިޔަކު ބުންޏެވެ.
އޮޑިވެރިންވެސް ފާހަގަކުރާގޮތުން މިގެނައި ބަދަލުތަކާއެކު ލުއިތަކެއްވަނީ ލިބިގެން ގޮސްފައެވެ.
"މިހާރު ބޯޓަށް ތަކެތި އަރުވަން އަންނަ އުޅަނދުތައް މިތާ ކުރިމަތީގައި ބާއްވައިގެން މުދާ އެރުވުމަށް ފަސޭހަ. ކުރިން ގިނަ އިރުވޭ މުދާ ހުސްކުރަން މަގުމަތިން ޖާގަނުލިބިގެން" އޮޑިވެރިޔަކު ބުންޏެވެ.
ބާޒާރު މަތީގައި އެސަރަޙައްދުގައި ޚިދުމަތްކުރާ ފަރާތްތަކުން އިތުރުން އެމަގު އެތައް ބަޔަކު ބޭނުންކުރެއެވެ. އެހެންކަމުން މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށް ފުލުހުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ޕާކުކުރުމަށާއި، މުދާ އަރުވާ ބޭލުމަށް މަޑުކުރުމަށް ހަމަޖައްސާފައިވާ ސަރަޙައްދުތަކަށް ފަރުވާ ބެހެއްޓުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.