ރަމަޟާންމަހަކީ މޭވާއާއި ތަރުކާރީގެ ބާވަތްތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށްވެސް އިތުރުވެގެންދާ މަހެކެވެ. އަދި ރަމަޟާންމަހާއި ދިމާކޮށް ޑިމާންޑް ބޮޑުވެ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެންދެއެވެ. ނަމަވެސް މިއަހަރުގެ ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށް ސަރުކާރުން ވަނީ ދުރާލާ ފިޔަވަޅުތައް އަޅަންފަށާފައެވެ. އޭގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ.
ރަމާޟާންމަހުގެ ފުރަތަމަ 10 ދުވަސް ނިމިގެންދިޔައިރު ބާޒާރުގައި އާންމުގޮތެއްގައި ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އަގުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައިކަމަށް ބާޒާރުގައި ތަކެތި ވިއްކާ ފަރާތްތަކުން ވަނީ ބުނެފައެވެ. ބާޒާރުގައި އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ މިރުހާއި ބައެއް މޭވާގެ ބާވަތްތަކުންނެވެ.
100 ގްރާމް މިރުސް: ކުރިން 35/40 ރުފިޔާ - މިހާރު 15/25ރ
ޖުމްހޫރީ މޭވާ ކިލޯއެއް: ކުރިން 150 ރުފިޔާ - މިހާރު 120/110ރ
އަނބު ކިލޯއެއް: ކުރިން 150/140 ރުފިޔާ - މިހާރު 100/90ރ
ލުނބޯ ކިލޯއެއް: ކުރިން 60/50 ރުފިޔާ - މިހާރު 45/40ރ
ކެރެޓް ކިލޯއެއް: ކުރިން އަދި މިހާރުވެސް ހުރީ 40/45ރ
ފަތުގެ ބާވަތްތަކުގެ އަގުތައް ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަސް ނިމުނު އިރުވެސް ހުރީ ހަމަ އެއް އަގެއްގައެވެ.
• ކުއްޅަފިލާފަތް ބޮނޑިއެއް: 20/15ރ
• ކޮޕީފަތް ބޮނޑިއެއް: 10ރ
• 100 ގްރާމް ލެޓިއުސް: 10/15ރ
ރަމަޟާންމަސް ފެށުނުއިރު އެންމެ ބޮޑަށް އަގު އުފުލުނު އެއް ބާވަތަކީ ކާއްޓެވެ. ކާށީގެ އަގު ބާޒާރުގައި އަދިވެސް ހުރީ ކުރިއާއި އަޅާބަލާއިރު މަތިކޮށެވެ. އެގޮތުން ކާއްޓެއް ލިބެންހުރީ 35/50 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ކާށީގެ އަގު އުފުލުމާއި ގުޅިގެން އެސްޓީއޯއިން ވަނީ ރަމާޟާންމަހަށް ޚާއްސަކޮށްގެން ކާށި ޝިޕްމަންޓްތަކެއް ގެނެސް ވިއްކަން ފަށާފައެވެ. އެގޮތުން އެސްޓީއޯއިން ކާށި ކިލޯއެއް ވިއްކަމުން ދަނީ 20 ރުފިޔާއަށެވެ. އަދި އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ކާށި ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް، އެފުރުޞަތުވެސް މިހާރު އޮތީ ހުޅުވާލާފައެވެ.
ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގު އުފުލުނަނުދީ އެއްހަމައެއްގައި ލިބޭނެކަން ކަށަވަރުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ކަމާ ގުޅުންހުރި ކުންފުނިތަކާއިއެކު ދުރާލާ މަސައްކަތް ފަށާފައެވެ. އަދި އެ މިނިސްޓްރީން ވަނީ މިއަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށްގެން ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ބަލާލެވޭނެގޮތައް "އަގުމަގު" ޕޯޓަލްގެ ނަމުގައި ލޯންޗްކޮށްފައެވެ.