ޚަބަރު

ކާބޯތަކެއްޗަށް ހުރަސް އެޅުމާ އެކު ޣައްޒާގެ ނިކަމެތީންގެ ހާލަތު ގޯސްވަނީ


ފަލަސްޠީނުގެ ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅަމުން ދިޔުމާ އެކު އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުން، އަދި ޚާއްޞަ ގޮތެއްގައި ނިކަމެތީންގެ ހާލަތު އެތަކެއް ގުނައަކަށް ދަށްވެފައިވާ ކަން ފަލަސްޠީނުގެ އޮފިޝަލުން ހާމަކޮށްފިއެވެ. ކާބޯތަކެއްޗަށް ހުރަސް އެޅުމުގެ އިތުރުން ޔަހޫދީން ވަނީ ޣައްޒާއިން ކަރަންޓުގެ ޚިދުމަތް ވެސް މެދުކަނޑައިލާފައެވެ. މިއާ އެކު، ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ލިބުމަށް ވެސް މި ވަނީ ހުރަސް އެޅިފައެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ނަމުގައި ޔަހޫދީން ވަނީ ކާބޯތަކެތީގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި އިނޖީނުގެތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް ހުރަސް އަޅާފައެވެ. ފަަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުވެރި ދައުލަތްތައް (އދ)ން ޤާއިމު ކޮށްފައިވާ އިދާރާ (އުންރްވާ)ން ވެސް ބުނީ، ޔަހޫދީންގެ ހުރަސްތަކާ އެކު، 17 މަހަށް ދެމިގެން ދިޔަ ޣައްޒާ ޢުދުވާނުގައި ހާލުުގައި ޖެހިފައިވާ ނިކަމެތީންގެ ހާލަތު އެތަކެއް ގުނައަކަށް ދަށްވެފައިވާ ކަމުގައެވެ.

ޣައްޒާގެ އާބާދީގައި ހިމެނޭ ބޮޑު އިންސައްތައަކީ ބޭރުގެ އެހީއަށް ބަރޯސާވެފައިވާ ބަޔެއް ކަމުގައި ވެސް އުންރްވާން ބުންޏެވެ. ޙަމާސުން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، އެ ޖަމާޢަތަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ނަމުގައި ޣައްޒާގެ ހުރިހާ ރައްޔިތުންނަށް އަނިޔާ ދިނުމަކީ އިންސާފެއް ނޫން ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ.

ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 22 ބޭކަރީއެއް ނުވަަތަ ޕާން (ރޮށި) ފިހާ ތަނަކުން މަސައްކަތް ކުރަމުންދާއިރު، އެ ތަންތަން ބަލަހައްޓާ ޔޫނިއަނުން ބުނީ ކައްކާ ގޭސް ހުސްވުމާ ގުޅިގެން އޭގެ ތެރެއިން ހަ ބޭކަރީ ބަންދު ކުރަން މަޖުބޫރުވެފައިވާ ކަމުގައެވެ. "ބާކީ ހުރި ބޭކަރީތައް ވެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަންދު ކުރަން ޖެހޭނެ، އެ ތަންތަނުން ތެލާއި ފުށް ދަނީ ހުސްވަމުން، އެ ކަން ހުއްޓުވޭނީ ކާބޯތަކެތި އެތެރެ ކުރަން ފުރުޞަތު ދީގެން،" އެ ޔޫނިއަންގެ ވެރިޔާ ޢަބްދުއްނާޞިރު ޢަޖްރަމީ ބުންޏެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ ޢުދުވާން މެދުކަނޑައިލާފައި ވަނީ ޖަނަވަރީ 19ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ޙަމާސާއި ޔަހޫދީން ފުރިހަމަ ކުރަން ޖެހޭ އިޖުރާޢަތުތައް ދެ ފަރާތުން ވެސް ވަނީ ނިންމާފައެވެ. ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 މީހުން މިނިވަން ކޮށްފައެވެ. އަދި، ޔަހޫދީން ވެސް ވަނީ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދޫކޮށްލާފައެވެ.

އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ފެށުމުގެ ބަދަލުގައި ޔަހޫދީން ބޭނުން ވަނީ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރުމަށެވެ. ނަމަވެސް، ޙަމާސުން ވަނީ އެ ކަމަށް އިންކާރު ކޮށްފައެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅަމުން މި ދަނީ އެއްބަސްވުމާ ޚިލާފަށެވެ. ބޭނުމަކީ، ޔަހޫދީން ބޭނުންހާ ގޮތަކަށް އަމަލު ކުރުމަށް ޙަމާސަށް މަޖުބޫރު ކުރުވުމެވެ. ނަމަވެސް، މި ކަމާ ގުޅިގެން ނިކަމެތިކަން ލިބެމުން ދަނީ ޣައްޒާގެ ރައްޔިތުންނަށެވެ. މިއާ އެކު، ޣައްޒާގައި ވިއްކާ ކާބޯތަކެއްޗާއި ތެލުގެ އަގު އެތަކެއް ގުނައަކަށް ވަނީ އުފުލިފައެވެ.

ޣައްޒާގެ ނިކަމެތީންނަށް އިތުރު ނިކަމެތިކަން

"އަޅުގަނޑުމެންނަށް ދިރިއުޅެން ޖެހިފައި މި ވަނީ ކޮން ފަދަ ނިކަމެތި ހާލަތެއްގައި؟ ކަރަންޓެއް ނެތް، ފެނެެއް ނެތް، ދިރިއުޅެވޭނެ ގޮތެއް ނެތް، އެހެންވީމަ ޙަޤީޤަތަކުގައި ދިރިހުރުމެއް ވެސް ނެތް. ޙަޔާތުގައި ބާކީ އޮތީ ދެން ކޮން ކަމެއް؟" ޣައްޒާގެ ޚާން ޔޫނިސްގެ ފޭލިގެއެއްގައި ދިރިއުޅޭ 40 އަހަރުގެ ޣާދާ އަލް-ރަކާބް ބުންޏެވެ. އެއީ، ހަ ކުދިންގެ މަޔެކެވެ. އޭނާގެ ދަރިންނަށާއި އަވަށްޓެރިންނަށް ކާންދިނުމަށް އޭނާ ކުރާ މަސައްކަތަކީ ޕާން (ރޮށި) ފިހުމެވެ.

ޣައްޒާއިން ކަރަންޓުގެ ޚިދުމަތް ކަނޑައިލުމާ އެކު އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައި ވަނީ ސާފު ބޯފެން ފޯރުކޮށްދިނުމަށެވެ. ފަލަސްޠީނުގެ ފެނާ ބެހޭ އިދާރާއިން ބުނީ، ކަރަންޓުގެ ޚިދުމަތް ކަނޑައިލުމާ އެކު، ފެން އުފައްދާ ކާރުޚާނާއެއްގެ މަސައްކަތްތައް ހުއްޓައިލަން ޖެހިފައިވާ ކަމުގައެވެ. އެއީ، ޣައްޒާގެ މެދުތެރެއާއި ދެކުނުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދުވާލެއްގެ މައްޗަށް 18,000 ކިޔުބިިކް މީޓަރުގެ ފެން އުފައްދާ ޕުލާންޓެކެވެ. މީގެ އިތުރުން، ނަޖިސްފެން ސާފުކުރާ ޕުލާންޓެއްގެ މަސައްކަތްތައް ވެސް ހުއްޓައިލުމަށް ވަނީ މަޖުބޫރުވެފައެވެ.

ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 61،700ށްވުރެ މައްޗަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 111,000ށް އަރައެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނުގެ އިތުރުން ތެޔޮ އެތެރެ ކުރަން ހުރަސް އެޅުމާ އެކު، އެތަކެއް ސަތޭކަ ހާސް ބަޔަކު ހައިހޫނުގައި ޖެހުމުގެ ބިރު ވަނީ ބޮޑުވެފައެވެ. އަދި، މި ކަމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލިގެން ދިޔުން ގާތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.