ޚަބަރު

ވެސްޓް ހޭމް ބަލިކޮށް ނިއުކާސަލް ހަވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ހަވަނަ މަގާމު ނިއުކާސަލް ޔުނައިޓެޑުން ހޯދައިފިއެވެ.

މި މެޗުން ނިއުކާސަލް ޔުނައިޓެޑް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން 47 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމް ލިބިފަ އެވެ. ވެސްޓްހޭމް އަށް 28 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ.

ވެސްޓްހޭމް ޔުނައިޓެޑްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް ނިއުކާސަލް އަށް އުފެއްދިފައިވަނީ ތިން ހަމަލައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލްގެ ބާންސް އަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހަށްފަހު އޭނާ ލީގުގެ މެޗެއްގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ފުރަތަމަ ފަހަރެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނިޓުގައ ނިއުކާސަލް އަށް ކާމިޔާބު ކޮށްދީފައިވަނީ ބްރޫނޯ ގުއިމަރޭސް އެވެ.

މި މެޗުން ނިއުކާސަލް މޮޅުވުމާއިއެކު އަންނަ އާދިއްތަ ދުވަހު ކަރަބާއޯ ކަޕްގެ ފައިނަލުގައި ލިވަޕޫލް އާއި ދެކޮޅަށް ނިކުންނައިރު އެ ޓީމަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ. ބޮޑު މުބާރާތެއް ކާމިޔާބު ނުކުރެވި 70 އަހަރު ހޭދަކުރުމަށްފަހު ފުރަތަމަ ފަހަރަށް މިފަދަ މުބާރާތެއް ކާމިޔާބު ކުރުމަށް ނިއުކާސަލް އިން ނިކުންނައިރު މި މެޗުން މޮޅުވުމަކީ އެ ޓީމަށް ލިބިގެންދިޔަ އިތުރު ޔަގީންކަމެއް ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.