ފ. އަތޮޅުގެ މަގޫދޫ އަދި ދަރަނބޫދޫގައި އައު ލައިސަންސް ޓްރެކް ތަރައްްީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. މި ޓްރެކްތަކާއެކު އެ ދެ ރަށުގެ ރައްޔިތުންނަށް 'އޭ' ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް (ލައިސަންސް ކާޑު) ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މަގޫދޫ އަދި ދަރަނބޫދޫގައި ލައިސަންސް އައު ޓްރެކް ހުޅުމުގެ ކުރިން އެ ވުޒާރާގެ ޓީމެއް އެ ރަށްރަށް ގޮސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގާފައިވާކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ޒަރިއްޔާއިން ލައިސަންސް ޓްރެކް ހިންގުމަށް ބޭނުންވާ ތަމްރީނުތައް ކައުންސިލަށް ދީފައިވާކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.
އައު ލައިސަންސް ޓްރެކް ހުޅުވުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމަށްޓަކައި ކައިރި އެހެން ރަށްރަށް އަދި މާލެ އައުމުގެ ބުރަ ލުއިވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެކެއްކަމަށްވެސް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، ފާއިތުވި ޑިސެމްބަރު މަހުގެ ތެރޭގައި މ. ކޮޅުފުށީގައި ވެސް ވަނީ ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވާފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޓްރެކްތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ޑްރައިވިންގ ލައިސަންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގައި ލައިސަންސް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކަކީ ރާއްޖޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ލައިސަންސް ދޫކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރައިން ވިދާޅުވެއެވެ. މި އައު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ލައިސަންސް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.