ޚަބަރު

4000 ފްލެޓަށް އެދުނު ކޮންމެ މީހަކަށްވެސް ބޯހިޔާވަހިކަން ލިބޭނެ


  • ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސްގެ ވައުދެއް

  • މި ދައުރުގައި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ އެންމެނަށް މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެކަމުގެ ޔަޤީންކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ދެއްވައިފިއެވެ. އެ ވުޒާރާއިން މި ޔަޤީންކަން ދެއްވާފައިވަނީ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ރިވިއު ކުރުމަށްފަހު ޝަކުވާއަށް ހުޅުވާލާފައިވާ މުއްދަތުގައި ބައެއް ފަރާތްތަކުން ފަތުރަމުން އަންނަ ވާހަކަތަކާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ، ގެދޮރުވެރިޔާގެ ދަށުން ފުރަތަމަ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި މައްސަލަތަކެއް ހުރުމުން އެ މައްސަލަތައް ހައްލުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސަރުކާރަށް އެންގެވިއެވެ. އެހެންކަމުން ކުރީ ސަރުކާރުގެ ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިނާ އެއްގޮތަށް އެ ލިސްޓް ރިވިއު ކުރުމަށްފަހު ޝަކުވާއަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މި ލިސްޓާ ގުޅިގެން އިދިކޮޅުގެ ބައެއް ފަރާތްތަކުން ވަނީ ކުރީ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ މީހުންނަށް މި ސަރުކާރުގައި ފްލެޓް ނުދިނުމަށް ލިސްޓް ބަދަލުކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ. އެކަމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ކުރިން ނެރުނު ލިސްޓުގައި ފްލެޓް ލިބިފައިނުވާ އެއްވެސް މީހަކަށް ރިވިއު ކުރުމަށްފަހު ނެރުނު ލިސްޓުގައި ފްލެޓް ލިބިފައިނުވާނެ ކަމަށެވެ.

ވެރިފިކޭޝަން މަސައްކަތުގައި މީހެއްގެ ފޯމެއް ގޯސްކޮށް ބެލިފައި އޮތްނަމަ އެކަން ރަނގަޅު ކުރަން ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި މުއްދަތަށް ފަހު ބާކީވާ ފްލެޓެއްވާނަމަ، އެ ފްލެޓްތަކާމެދުވެސް ޢަމަލުކުރާނީ ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިނާ އެއްގޮތަށް ވެރިފިކޭޝަން މަރުހަލާއަށް ގެންދިއުމަށްކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެއަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް ފްލެޓް ކަނޑައަޅާނެކަމަށާއި އެކަމުގައި ފޯމް ހުށަހެޅިއިރު ދީފައިވާ މަޢުލޫމާތު ބަދަލުކުރުމަށް، އަދި އިތުރު ލިޔުން ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

އިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 4000 ފްލެޓު ލިބުމުގެ ފުރުސުތު ނުލިބޭ ފަރާތްތައް އަލުން ބޯހިޔާވަހިކަމަށް ހުށައެޅުމުގެ ތަކުލީފު ތަހަންމަލުކުރަންނުޖެހޭނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާއެއްގޮތަށް، އެ ފަރާތްތަކަށްވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެންދާނެކަން ކަށަވަރުކޮށްދެއްވާނެކަމަށްވެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މި ވަޢުދު ފުއްދެވުމަށްޓަކައި މިއަހަރުގެ ބަޖެޓުގައިވެސް ބޮޑު ބައެއް ޚާއްސަކުރައްވާފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖޭގައި ބޯހިޔާވަހިކަން ޙައްގުވާ މީހުންގެތެރެއިން ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.