ޚަބަރު

ސޭޝެލްސްއިން ރާއްޖެއައި ކްރޫޒްލައިނަކުން 500 އަށްވުރެ ގިނަ ފަތުރުވެރިން


  • މި ކްރޫޒްލައިން ރާއްޖެ އައީ މިމަހުގެ 8ވަނަ ދުވަހު

  • ރާއްޖެއަކީ ކްރޫޒްލައިންތަކުގެ މެދުގައި ވަރަށް މަޤްބޫލު މަންޒިލެއް

ސޭޝެލްސްއިން ރާއްޖެއައި ކްރޫޒްލައިނަކުން 500 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފިއެވެ. މި ކްރޫޒްލައިން ރާއްޖެ އައިސްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިންތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިންތައް އާދެއެވެ.

މިފަހަރު ރާއްޖެ އައިސްފައިވަނީ ސޭޝެލްސްއިން އައި "އެމްއެސް އިންސިގްނިއާ" ނަމަކަށްކިޔާ ކްރޫޒްލައިނެކެވެ. މި ކްރޫޒްލައިނުން ރާއްޖެއަށް 576 ފަތުރުވެރިންނާއި 406 ކްރޫ މެންބަރުން ވަނީ އައިސްފައެވެ.

ކްރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވެފައިވާއިރު ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރުމަށެވެ. މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އޭޖެންޓްސް، މާޔާއިން ބުނެފައިވާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން ނިމުމުގެ ކުރިން އިތުރު 12 ކްރޫޒް ލައިނާއެއް ރާއްޖެ އައުމަށް ތާވަލުކޮށްފައިވާކަމަށެވެ.

ކުރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. ފަަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 481،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.