އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
މި މެޗު އެއްވަރުވެފައިވާއިރު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް އާސެނަލްއަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. އާސެނަލްއަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވާ 55 ޕޮއިންޓާއެކު އެ ޓީމު އޮތީ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލްއަށް 29 މެޗުން ވަނީ 70 ޕޮއިންޓް ލިބިފައެވެ. ޔުނައިޓެޑަށް ލިބިފައިވާ 34 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 14 ވަނައިގައެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އާސެނަލްއިން ވަނީ މެޗު ކޮންޓްރޯލްކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރަގަޅު ކުޅުމެއް އާސެނަލްއިން ދައްކާފައިވަނިކޮށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. 25 ޔާޑު ދުރުން ލިބުނު ހިލޭ ޖެހުމަކުން ފެނާންޑޭޒް މި ލަނޑު ޖެހިއިރު އާސެނަލްގެ ކީޕަރު ރާޔާއަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑްގެ ޖޯޝުއާ ޒިރްކްޒީ އާއި ނުސެއިރު މަޒްރާއީ ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް ކީޕަރު ރާޔާ ވަނީ ދިފާއުކޮށްފައެވެ.
އާސެނަލްއިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 74 ވަނަ މިނިޓުގައި ޑެކްލަން ރައިސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އާސެނަލްއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ލިބޭ ފުރުސަތުތައް ނިންމާލުމުގައި މައްސަލަތަކެއް ހުރިކަމަށް ކޯޗު އާޓެޓާ ވަނީ ބުނެފައެވެ. އަދި އެކަމަށް ވަގުތީ ގޮތުން ނަމަވެސް ހައްލެއް ހޯދުމަށް ބޭނުން ކުރަމުންދަނީ މިކޭލް މެރީނޯއެވެ.